ވޯލްޑް ކަޕް ބަލަމުންދާއިރު އެހެން މީހުންގެ ވާހަކަ އާއި ޝަކުވާގެ ސަބަބުން ހަމަޖެހިގެން މެޗު ނުބެލޭ ގިނަ ފިރިހެނުން އުޅެއެވެ. ހަމަޖެހިލައިގެން މެޗުތައް ބެލުމަކީ ގިނަ ބައެއްގެ ހުވަފެނެކެވެ.

ވޯލްޑް ކަޕް މެޗެއްގެ އެންމެ ސިކުންތެއްވެސް ނުގެއްލޭނެ ގޮތަށް 57 އަހަރުގެ ސްޓެއިން ސްޕިޖްކަމެން ވަނީ އަދަޔާ ހިލާފު ކަމެއް ކޮށްފައެވެ. އޭނާ ވަނީ މިއަހަރުގެ ވޯލްޑް ކަޕުގެ ފޯރި ހަމަޖެހިލައިގެން ނެގުމަށް ވަކިން އެޕާޓްމެންޓެއް ހިފާފައެވެ.

ސްޕިޖްކަމެން ބުނާގޮތުގައި އޭނާ ވަނީ އޭނާގެ ހަޔާތުގެ ބައިވެރިޔާ އާއި އެއްބަސްވުމެއް ހަދާފައެވެ. ވޯލްޑް ކަޕު ބެލުމަށް ހިފި އެޕާޓްމެންޓަށް އޭނާގެ ބައިވެރިޔާ އަންނައިރު ހަމަ އެކަނި ފުޓުބޯޅަ އާއި ގުޅޭ ވާހަކަ ނޫން ވާހަކައެއް ނުދެއްކޭ ގޮތަށް މިއެއްބަސްވުމުގައި ވެއެވެ.

"އަހަރެނއގެ ބައިވެރިޔާ ދިރިއުޅެނީ ހާލެމްގައި. ބައެއް ދުވަސް ދުވަހު ބައްދަލު ކުރަން އަންނާނެ، ނަމަވެސް އަހަރެން ހަދާފައިވާ އެއްބަސްވުމުގައި ވާގޮތުން ފުޓުބޯޅައިގެ ވާހަކަ ނޫން ވާހަކައެއް ދެއްކުން މަނާ ވާނެ. ކޮސްޓަރިކާ އަދި ސާބިއާ މެޗުގައި ވެސް ނޭނގި ހުރެ އެހެން ވާހަކަ އެއް ފެށި. އެއީ ފުޓުބޯޅަ ބަލާ މީހަކަށް ވަރަށް އުނދަގޫ ވާކަމެއް،" ވޮލްކްސްރޭންޓާއި ވާހަކަ ދައްކަމުން ސްޕިޖްކަމޭން ބުންޏެވެ.

މީގެ އިތުރުން ސޕިޖްކަމޭން ބުނާގޮތުން މިހާތަނަށް މިއަހަރުގެ ވޯލްޑް ކަޕުގެ އެންމެ ސިކުންތެއްވެސް އޭނާ ނުބަލާ ދޫކޮށްލާފައެއް ނުވެއެވެ. އަދި އޭނާ ގަބޫލު ކުރާގޮތުން ވޯލްޑް ކަޕުގެ ހުރިހާ މެޗެއް ބެލުމަށްވުރެ ވަކި އެޕާޓްމެންޓެއް ހިފުމަކީ އޭނާ އަށް ލިބުނު ކާމިޔާބީ އެއް ކަމުގައި އޭނާ ދެކެއެވެ.