ބޮލީވުޑްގެ ބަތަލާ ރިއާ ޗަކްރޮބަދީ އަކީ މި ގަރުނުގައި ވެސް ފެނުނު އެންމެ ކޮންޓްރޮވާޝަލް ނުވަތަ އެންމެ ސުވާލު އުފެދޭ ފަދަ ކަންތައްތަކެއް ދިމާވި ބަތަލާއެވެ. އޭނާގެ ލޯބިވެރިޔާ ސުޝާންތު ސިންގް ރާޖުޕޫތު އަމިއްލަ އަށް މަރުވި ކަމަށް މިހާތަނަށް ހޯދި ހޯދުންތަކުން ދެއްކި ނަމަވެސް އެކަމުގައި ރިޔާގެ އަތެއްވާ ކަމަށް އެތައް ބަޔަކު ތުހުމަތު ކުރެއެވެ.

ނުވިތާކަށް ސުޝާންތުގެ މަރުގެ ތަހުގީގުގެ ތެރެއިން އޭނާގެ ކުރީގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯތީގެ ވަޓްސްއަޕް މެސެޖަކުން ފެންމަތިވި ޑުރަގު މައްސަލައިގައި ޖަލަށްވެސް ރިޔާ އަށް ދާން ޖެހުނެވެ. އެއާއި އެކު ޑްރަގްގެ ބޮޑު ނެޓްވޯކަކާއި ރިއާ އާއި ގުޅުން އޮތް ކަމަށް ދެކެވުނު ވާހަކަތައް ވެސް އެހާމެ ގިނައެވެ. އެ މައްސަލައިގައި ސީރިއަސް ތަހުގީގުތަކެއް ވެސް ކުރިއަށް ދިއުމާއި އެކު ރިއާ ޗަކްރަބޮތީގެ ފިލުމީ ކެރިއަރާއި ގުޅޭގޮތުން އެތައް ބަޔަކު ސުވާލު އުފެއްދިއެވެ.

އެހެންނަމަވެސް މިޙާރު ސުޝާންތުގެ މަރުގެ ޥާހަކަ ފަނޑުވެ ރިޔާ ދަނީ މަޑުމަޑުން ފިލްމީ ދާއިރާ އަށް އެނބުރި އައުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މަޑުމަޑުން މީޑިއާ އިން ވެސް އޭނާ އަށް ތައުރީފް ކުރާ މަންޒަރު ފެނެއެވެ. އެގޮތުން ދާދިފަހުން ރިއާ ފަގީރު މީހަކަށް ފައިސާ ދޭ ވީޑިއޯ އެއް އާއްމުވެ މީސްމީޑިއާ އާއި މީޑިއާގެ ތައުރީފް އޭނާ އަށް ރައްދުވިއެވެ.

ސުޝާންތުގެ ރައްޓެހިން ވަނީ މިކަމާއި ގުޅިގެން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އޭނާގެ ފޭނުންވެސް ވަނީ ރިޔާ އާއި މެދު ރަނގަޅު ތަހުގީގެއް ނުކުރެވޭ ކަމަށް ބުނެ ފުލުހުންގެ އިހުލާސްތެރިކަމާއި މެދު ސުވާލު އުފައްދާފައެވެ.

ސުޝާންތު ސިންގް ރާޖުޕޫތު މަރުވެފައި އޮއްވާ ފެނިފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު މުމްބާއީގައި އޭނާ ދިރިއުޅެމުންދާ އެޕާޓްމަންޓުންނެވެ. ބޮލީވުޑްގެ އަރަމުން އައި ފަންނާނު ސުޝާންތު ސިންގް ރާޖުޕޫތުގެ މަރުގެ ޚަބަރު މިދިޔަ އަހަރުގެ ޖޫން މަހު ލިބުން ވެގެން ދިޔައީ އެތައް ބަޔަކަށް ލިބުނު ހިތްދަތި ކަމަކަށެވެ. ގިނަ ބަޔަކު ވަނީ އޭނާ މަރާލިކަމަށް ތުހުމަތުކޮށްފައެވެ. އަދި އެ މަރުގެ ފަހަތުގައި ރިއާގެ އަތެއްވާ ކަމަށް އެތައް ބަޔަކު ތުހުމަތުކުރެއެވެ.