ސަންޖޭ ދަތްގެ ދިރިއުޅުމުގެ ވާހަކަތަކަށް ބިނާކޮށް ނެރޭ ފިލްމް "ސަންޖޫ"ގައި ހިމެނޭނެ ގިނަ ކަންތައްތަކެއްގެ ވާހަކަ މިހާރު މީޑިޔާތަކުގައި ދައްކަމުން އެބަދެއެވެ. މި ވާހަކަތައް އެންމެ ބޮޑަށް ފެށިފައި ވަނީ އެ ފިލްމްގެ ފުރަތަމަ ޓްރޭލާ ނެރުނު ހިސާބުންނެވެ.

އެ ފިލްްމްގެ ޑައިރެކްޓަރ ރާޖްކުމާރް ހިރާނީ، ސަންޖޭ ކައިރިއަށް ގޮސް ވާހަކަތައް ހޯދިއެވެ. އަދި އެ ފިލްމްގެ މަސައްކަތް ނިންމާލުމަށްފަހު އޭނާ މިހާރު ދަނީ ސަންޖޭގެ ދިރިއުޅުމުގައި އެންމެ ފާހަގަކޮށްލެވޭ ކަންތައްތައް މީޑިޔާތަކަށް ތިލަ ކުރަމުންނެވެ.

އެގޮތުން އެންމެ ފަހުން ހިރާނީ ދެއްކި ވާހަކަތަކަށް ބަލާއިރު، ސަންޖޭގެ ލޯބިވެރިންގެ ވާހަކަތަކަކީވެސް ވަރަށް ގަދަޔަށް ދެއްކި ވާހަކައެކެވެ.

ހިރާނީ އިންޑިއާ ޓުޑޭއަށް ދިން އިންޓަވިއުއެއްގައި ބުނީ، ސަންޖޭ ވަރަށް ގިނައިން އަންހެން ކުދިން ހައްދައިގެން އެ ކުދިންގެ ސަމާލުކަން ހޯދާކަމަށެވެ. އެއީ އޭނާއާ އެ ކުދިން ގާތް ކުރުވަންގެން ހަދާ ގޮތެއް ކަމަށްވެސް ހިރާނީ ބުންޏެވެ.

އެގޮތުން އޭނާ ބައެއް ފަހަރު އަންހެން ކުދިން ގޮވައިގެން މަހާނަތައް ކައިރިއަށް ގޮސް އެއީ އޭނާގެ މަންމަގެ މަހާނަ ކަމަށް ބުނެ އެ ކުދިންވެސް ދެރަކޮށްލާ ކަމަށް ހިރާނީ ވަނީ ފާހަގަކޮށްފައެވެ.

"އޭނާ ފަށާނެ އަންހެން ކުއްޖަކާ ޑޭޓް ކުރަން. ދެން އެ ކުއްޖާ ގޮވައިގެން ދާނީ ސަހަރާއަށް. ދެން މަހާނައެއްް ކައިރިއަށް ގޮސް އޭނާ ބުނާނެ އަހަރެން ކަލޭ މި ގެނައީ އަހަރެންގެ މަންމައާ ބައްދަލުކުރާށޭ. މި ބައްދަލު ކުރުމަށްފަހު އެ އަންހެން ކުއްޖާ ކޮންމެވެސް ވަރަކަށް ސަަންޖޭއަށް ހަމްދަރުދީ ވާނެތާ. އަދި ސަންޖޭއާ އެޓޭޗްވެގެން އުޅެން ބޭނުންވާނެތާ. ނަމަވެސް އޭގެ ހަގީގަތަކީ އޭނާ އެގޮަތަށް ގޮސް ދައްކަނީ މަންމަގެ މަހާނަ ނޫން ކަން". ހިރާނީ ކިޔާދިނެވެ.

މި ނޫނަސް ސަންޖޭ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބައެއް މީހުންނާއި ބްރޭކްއަޕް ވުމުންވެސް ވަރަށް ގިނަ ކަންތައްތައްކޮށް އުޅެއެވެ،

"އެއް ފަހަަރެއްގައި ސަންޖޭ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހަކު އޭނާއާއި ބްރޭކްއަޕްވީ. އެކަމާއި އޭނާ ހެދި ކަމަކީ އޭނާގެ ރައްޓެއްސެއްގެ ކާރުގައި ގޮސް، އެ އަންހެން ކުއްޖާގެ ގޭގެ ބޭރުގައި އޮތް ކާރެއްގައި ޖައްސާ އެ ކާރު ވަރަށް ބޮޑަށް ހަލާކުކޮށްލީ. ފަހުން ބެލި ބެލުމުން އެނގުނުގޮތުގައި، އެ ކާރަކީ އެ އަންހެން ކުއްޖާގެ ފަހުގެ ލޯބިވެރިޔާގެ ކާރެއްކަން". ހިރާނީ ކިޔާދިނެވެ،

މީގެ އިތުރުންވެސް ސަންޖޭ ޑްރަގްގެ ކަންތަކުގައި އުޅުނުއިރު، އޭނާގެ ހާލުވެސް ވަރަށް ރަނގަޅަށް އެ ފިލްމުން ދައްކާނެއެވެ.

ސަންޖޫ ފިިލްމް ނެރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުއެވެ.