މީސް މީޑިޔާގެ ބާވަތްތަކުގެ ތެރެއިން އެންމެ އާއްމުކޮށް ބޭނުން ކުރެވޭ ބާވަތްތަކަކީ އިންސްޓަގުރާމު، ފޭސްބުކް، ޓުވިޓަރ، ވައިބަރ، ޓިކްޓޮކް އަދި ސްނެޕްޗެޓްއެވެ.

އިންސްޓަގުރާމު، ފޭސްބުކް ޓުވިޓަރ، ޓިކްޓޮކް ފަދަ މީޑިޔާ އެކައުންޓުތަކުގައި ކުރާ ޕޯސްޓުތައް މީހުންނަށް ކަމުދާ މިންވަރު ދެނެގަނެވެނީ ދީފައި ހުންނަ ލައިކްސްއާއި ކޮމެންޓުންނެވެ.

ނަމަވެސް ސްނެޕްޗެޓުގައި އެކަން ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟ ލައިކްސް ނުދެވުނު ނަމަވެސް މީސް މީޑިޔާގެ އެއްވަނަ ބާވަތެއްގެ ގޮތުގައި ސްނެޕްޗެޓް ވެއްޖެއެވެ.

ސްނެޕްޗެޓްގެ އެންމެ މުހިންމު ކަމަކީ ސްނެޕްޗެޓް ސްޓްރީކެވެ. ސްނެޕްޗެޓް ސްޓްރީކަކީ ސްނެޕްޗެޓަށް އެޑްކޮށްފައިވާ އެކައުންޓަކަށް ދެ ފަރާތުން ވެސް ކޮންމެ ދުވަހަކު ޑައިރެކްޓް ސްނެޕް ކުރުމުން ނަން ކައިރިއަށް އަލިފާންކޮޅެއްގެ ވައްތަރަށް އިންނަ އިމޯޖީއަކާއި ދުވަހުގެ އަދަދު އެރުމެވެ.

ޑައިރެކްޓް ސްނެޕް ކުރާތާ ތިން ދުވަހުގެ ތެރޭގައި ސްޓްރީކް ފެށޭނެއެވެ. ނަމުގެ ކައިރީގައި ދުވަހުގެ އަދަދާއި އެކު ސްޓްރީކްގެ އިމޯޖީ ފެންނަން އޮންނާނެއެވެ.

ސްޓްރީކް ހެދުމަށް ދެ ފަރާތުން ވެސް މަދުވެގެން ކޮންމެ ދުވަހަކު ސްނެޕެއް ކުރަން ޖެހެއެވެ. އެހެން ނޫން ނަމަ ސްޓްރީކް ގެއްލޭނެއެވެ.

ސްނެޕްޗެޓް ސްޓްރީކް ހެދުމަށް އެތައް ބަޔަކު އެޑްކޮށް، ސްޓްރީކް ގެއްލިއްޖެ ނަމަ ބައެއް މީހުންނަށް އެކަން ބޮޑު މައްސަލައަކަށްވެ ސްޓްރީކް ކުރުން މިވަނީ ވަރަށް މުހިންމު ކަމަކަށް ވެފައެވެ.

ސްނެޕްޗެޓްގައި ސްޓްރީކް ކުރުން މުހިންމުވެފައިވަނީ ސްނެޕްޗެޓްގައި ކާމިޔާބު މިންކުރުމުގައި ބަލާ ކަމަކީ ސްޓްރީކް ކަމަށްވާތީއެވެ.

އާއްމުގޮތެއްގައި ސްނެޕްޗެޓް ބޭނުންކޮށް އުޅެނީ ޒުވާނުންނެވެ. ވީހާ ވެސް ގިނަ މީހުންނަށް ސްޓްރީކް ހަދައި ސްޓްރީކްގެ ނަންބަރު އިތުރު ކުރުމަކީ ވެސް ވާދަވެރިކަމެއްގައި ކުރެވެމުންދާ ކަމަކެވެ.