ވޯލްޑް ކަޕުގެ ޓްރޮފީގޮތަށް ހަދާފައިވާ ފޭކު ޓްރޮފީތަކެއްގައި ފޮރުވައިގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ގުރޫޕެއް ހައްޔަރުކޮށްފިއެވެ. މި ގުރޫޕު ހައްޔަރުކޮށްފައިވަނީ ކޮލަމްބިޔާ އިންނެވެ.

ބައިނަލްއަޤުވާމީ ނޫސް ރިޕޯޓުތައް ބުނާގޮތުގައި މި މީހުންވަނީ ޖުމުލަ 30 ކިލޯގްރާމަށް ވުރެ ބަރު މަސްތުވާތަކެތި، ފޭކު ޓްރޮފީތަކުގައި އެތެރެކޮށްފައެވެ. މި ބާވަތުގެ ގިނަ އަދަދެއްގެ ޓްރޮފީތަކެއް ހަދާފައިވާއިރު، އެތަކެތި ހުރީ ކުޑަ ސައިޒެއްގައި ކަމަށް އާއްމުވެފައިވާ ފޮޓޯތަކުން އެނގެއެވެ.

ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި އެމީހުން ކޮލަމްބިޔާ އަށް އެތެރެ ކޮށްފައިވަނީވެސް، އެންމެ ނުރައްކާތެރި ބާވަތްތަކުގެ މަސްތުވާތަކެއްޗެވެ. އޭގެތެރޭގައި ކޮކެއިންވެސް ހިމެނޭކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

އެއަރޕޯޓުތެރެއިން، މި މީހުން ގެންގުޅުނު ތަކެތި ބަލާ ފާސް ކުރުމުގައި ތެރޭގައި ކަމާ ބެހޭ ފަރާތްތަކަށް މިކަން ފަޅާ އަރާފައިވާއިރު، އެމީހުންގެ އަތުން ދެ ބަޑިވެސް ފެނިފައިވެއެވެ. ހަމައެހެންމެ، މި ތަކެތި އުފުލުމަށް ގެންގުޅުނު އެއްގަމު އުޅަނދެއްވެސް އަތުލައިގަނެފައިވާކަމަށް މައުލޫމާތު ލިބެއެވެ. ހަމައެހެންމެ، އެމީހުންގެ އަތުން، ވޯލްޑް ކަޕުގައި ގުޅޭ 14 ޓީމެއްގެ ޖާޒީވެސް ފެނުނުކަމަށް މައުލޫމާތު ލިބެއެވެ.

މިކަމުގައި ބައިވެރިވެގެން ހައްޔަރުކޮށްފައިވަނީ ދެ އަންހެނުންނާއި ހަތަރު ފިރިހެނުންނެވެ.

ކިޔުންތެރިންގެ ހިޔާލު