ދުނިޔެ ހޫނުވެ ގަނޑުފެންތައް ވިރެެމުން އަންނާތީ އެޓްލާންޓިކް ކަނޑު ބޮޑުވަމުން އަންނަ ކަމަށް ސައިންސްވެރިން ކުރި ދިރާސާ އަކުން ދައްކައިފިއެވެ.

ދިރާސާ ކުރި ސައިންސްވެރިން ބުނެފައި ވަނީ އެޓްލާންޓިކް ކަނޑު މީހުންނަށް އެނގޭ ވަރަށް ކުއްލިއަކަށް ބޮޑުނުވި ނަމަވެސް އެޓްލާންޓިކް ކަނޑު ބޮޑުވަމުން ދިއުމަކީ ދުރު މުސްތަގުބަލަށް ބަލާއިރު ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ.

"ނެޗްރަލް ކްލައިމެޓް ޗޭންޖް" ގައި އާންމުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނެފައި ވަނީ އުތުރު ބަރެންޓް އާއި އެޓްލާންޓިކް ކަނޑުގެ އުތުރުގައި އޮންނަ ސްކަންދިވިއާ އަދި އިރުމަތީގައި އޮންނަ ސްވަލްބާޑް ގިރަމުން އަންނަ ކަމަށެވެ. 2000 ވަނަ އަހަރުން ފެށިގެން 1.5 ޑިގްރީ އަށް ހޫނުމިން މަތިވެފައި ވާއިރު މިހާރު ހޫނުމިން އިތުރުވަމުންދާ މިންވަރު ކޮންޓްރޯލް ނުކުރެވިއްޖެނަމަ ބޮޑު ސަރަހައްދުތަކެއް ގިރައިގެން ގޮސް އެސަރަހައްދުތައް ކަނޑަށް ވެގެން ދާނެ ކަމަށް ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ސައިސްވެރިޔާ ސިގްރިޑް ލިންޑް ވިދާޅުވިއެވެ.

ދުނިޔެ ހޫނުވެ ދުނިޔޭގެ ދެބިތުގައިވާ ގަނޑުފެންތައް ވިރި، ކަނޑުގެ ލޮނުގަނޑު އުފުލި ޖަޒީރާ ރަށްތަކަށް ނުރައްކާ ވަމުންދާ ކަމުގެ އިންޒާރު ސައިންސްވެރިން ދެމުން އަންނަތާ އެތައް އަހަރެއް ވީއިރު ވެސް ދުނިޔެ ހޫނުވުން ހުއްޓުވަން އެކަށީގެންވާ ފިޔަވަޅެއް އެޅިފައެއް ނުވެއެވެ.

ހާއްސަކޮށް ދުނިޔެ ހޫނުވުން ހައްލު ކުރަން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރަން އެންމެ ބޮޑަށް ތަރައްޤީ ވެފައިވާ އެއްވަނަ ދުނިޔޭގެ ގައުމުތަކުން މާބޮޑު އިސްކަމެއް ނުދެއެވެ. ވިހަ ގޭސްތައް ޖައްވަށް ބޭރުވެ ޖައްވު ތަޣައްޔަރު ވުމުގެ ނަތީޖާ އަކަށް ވެފައި ވަނީ ދުނިޔޭގެ ތިމާވެށި އޮޅުންބޮޑުވެ، ގުދުރަތީ ކާރިސާތައް ހިނގުން އިތުރުވެގެން ދިއުމެވެ.