އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު އާއި ބައްދަލު ކުރަން ފުރުސަތު ނުލިބިގެން މޭގަން މާކެލްގެ ބައްޕަ ރުޅިގަދަވެ އެންމެ ފަހުން އޭނާގެ ޝަކުވާތައް މީޑިއާ އަށް ބަނޑުންކޮށްލައިފިއެވެ.

މޭގަން އާއި ހެރީ ކައިވެނި ކުރިއިރު މޭގަންގެ ބައްޕަ ތޯމަސް މާކެލް އޮތީ ހާޑްއެޓޭކެއް ޖެހިގެން ހޮސްޕިޓަލްގައެވެ. އެހެންކަމުން ކައިވެނީގެ ރަސްމިއްޔާތުގައި ތޯމަސް އަށް ބައިވެރިއެއް ނުވެވުނެވެ. ތޯމަސްގެ ހާލު މިހާރު ރަނގަޅުވެފައި ވާއިރު އޭނާ ވަނީ ޕްރިންސް ހެރީގެ އިތުރުން ރާނީ އެލިޒަބަތު އާއި ބައްދަލު ކުރަން ވެސް އެދިފައެވެ. ނަމަވެސް ޝާހީ އާއިލާ އިން އެކަމަށް އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް ވެއެވެ.

ތޯމަސް މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ރާނީ އަށް އެމެރިކާގެ ރައީސް ޓްރަމްޕް އާއި ބައްދަލު ކުރަން ވަގުތު ހުސްކުރެވެންޏާ އޭނާ އާއި ވެސް ބައްދަލު ކުރެވެން ޖެހޭނެ ކަމަށެވެ.

"ރައީސް ޓްރަމްޕް އާއި ބައްދަލު ކުރެވެންޏާ އަހަރެން ބައްދަލު ކުރަން އެދުނު އެދުމަށް އަޅައިނުލައެއް ނުހުރެވޭނެ. އަހަރެންނަކީ ގޯސް މީހެއް ނޫން." ތޯމަސް ބުންނެވެ.

ރާނީ އެލިޒަބަތު އާއި ޓްރަމްޕް ޖުލައި މަހުގެ 13 ވަނަ ދުވަހު ލަންޑަންގައި ބައްދަލު ކުރަން ވަނީ ހަމަޖެހިފައެވެ.

ތޯމަސް ބުނީ މޭގަން ކައިވެނި ކުރި ފަހުން އަދި ފޯނުން ވެސް މޭގަން އާއި ބައްދަލު ނުވާ ކަމަށާއި ނަމަވެސް ކައިވެނީގެ ކުރިން މޭގަން އާއި ހެރީ އާއި ވާހަކަދެއްކި ކަމަށެވެ.

އަދިވެސް އުއްމީދު ކުރަނީ ހެރީ އާއި ރާނީ އެލިޒަބަތު އާއި ބައްދަލު ކުރެވޭނެ ކަމަށް ކަމުގައި ތޯމަސް ބުންޏެވެ.

މޭގަންގެ ކައިވެނީގެ ހަފްލާގައި އާއިލާގެ ފަރާތުން ބައިވެރިވީ މޭގަންގެ މަންމަ އެކަންޏެވެ. ރާނީ އެލިޒަބަތު ވަނީ ކައިވެނީގެ ހަފްލާގެ ކުރިންނާއި އޭގެ ފަހުން ވެސް މޭގަންގެ މަންމަ އާއި ބައްދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަބޯ

    މިހިރީ ޢާއިލާއާއި ގާތްކަން ހުރި މީހުނާމެދު އިނގިރޭސި ޝާހީޢާއިލާއިން ކުރާ ތަފާތު. ވީއިރު އަދި އާދައިގެ ރައްޔިތަކާމެދު ކަންކުރާނީ ކޮންފަދަ ގޮތަކަށް؟ މިއީ ކިބުރުވެރި ކަމާ ނުބައި ޖައްބާރުކަމުގެ މިސާލެެއް.