ފޮޓޯ ޝޫޓަކަށް ދިޔަ ޖަނަވާރުންނަށް ވަރަށް ބޮޑަށް ލޯބި ކުރާ ޖަރުމަންގެ މޮޑެލްއެއް ކަމަށްވާ އުމުރުން 36 އަހަރުގެ ޖެސިކާ ލިއޯޑޮލްފްއަށް ހަމަލާއެއް އަމާޒުވެއްޖެއެވެ. އޭނާއަށް ހަމަލާއެއް އަމާޒުވެފައި ވަނީ ދެ ލިއޮޕާޑްއާ މާ ކައިރި ވެގެން ފޮޓޯ ނަގަން އުޅުމުންނެވެ.

އެ ހާދިސާގައި އޭނާއަށް ސީރިއަސް އަނިޔާތަކެއް ވިއެވެ. އޭނާއަަށް އަނިޔާ ލިބުނީ ޓްރޯއި އާއި ޕެރިސްގެ ނަމުން ނަން ދީފައިވާ އެ ދެ ލިއޮޕާޑް އޭނާއަށް ހަމަލާ ދިނުމުންނެވެ. ޖެސިކާއަށް ބޮޑަށް އަނިޔާވެފައި ވަނީ ބޮލަށެވެ.

ނެބްރާގައި ހުންނަ ޕްރައިވެޓް ޒުލަކަށް ފޮޓޯ ނަގަން ވަން ޖެސިކާއަށް ހަމަލާ އަމާޒުވިއިރު، ފުލުހުން ބުނެފައި ވަނީ، އޭނާގެ ބޮލަށް ލިބުނު ސީރިއަސް އަނިޔާތަކާއި ގުޅިގެން އޭނާ ހޮސްޕިޓަލަށް ގެންދަން ޖެހުނީ ހެލިކަޕްޓަރުގައި ކަަމަށެވެ.

އަދި އޭނާގެ އޮޕަރޭޝަނެއްވެސް ކުރަން ޖެހުނުކަން ފުލުހުން ފާހަަގަ ކުރަމުން ބުނެފައި ވަނީ، އެ އޮޕަރޭޝަން ކާމިޔާބު ކަމަށެެވެ.

"އެ ލިއޮޕާޑް އަހަރެންގެ ކޮލާއި، ކަންފަތާއި، ބޮލުގައި ދަތް އެޅީ".

އެ ޒުލަކީ މީހުންނަށް ޖަނަވާރުތައް ދައްކަން މީހަކު އަމިއްލައަށް ހަދާފައި ހުރި ތަނެއް ކަމަށް ވެއެވެ. އަދި ކަމާއި ގުޅުން ހުރި އިދާރާތަކުން ވަނީ އެތަނުގައި ނުރައްކަލެއް ނެތް ކަން ހާމަކޮށްފައެވެ. އެހެން ނަމަވެސް އެ ތަނުގައި ހިނގާދިޔަ ކަންކަން ތަހުގީގު ކުރާނެ ކަމަށް ބުނެފައި ވެއެވެ.