ބޮލީވުޑުގެ އެކްޓަރ އަކްޝޭ ކުމާރަކީ އޭނާގެ މަޖާ އަދި ސަކަ މިޒާޖުން މީހުން ހެއްވާލުމުގައި ފާހަގަ ކޮށްލެވޭ އެކްޓަރެކެވެ. އޭނާގެ ސަޕޯޓަރުންނާއި ކޯ-ސްޓާރުންނަށް ވެސް ކުރާ މަޖާ ކަންތައްތަކަކީ ފާހަގަ ކޮށްލެވޭ ކަންތައްތަކެވެ.

މިފަހަރު އަކްޝޭގެ މިފަދަ މަޖާ ލަނޑެއްގެ ޝިކާރައަކަށް ވީ ފިލުމު ''ބެލްބޮޓަމް'' ގެ ބަތަލާ ވާނީ ކަޕޫރެވެ. އަކްޝޭއާއި ވާނީގެ ''ބެލްބޮޓަމް'' ޕްރޮމޯޓް ކުރުމަށް ކަޕިލް ޝަރުމާގެ ޝޯގައި އަކްޝޭ ވަނީ ވާނީއަށް ލަނޑެއް ދިނުމަށް މަސައްކަތް ކޮށްފައެވެ.

ކަޕިލް ޝަރުމާ ޝޯ މެދުކެނޑިފައި އޮތުމަށްފަހު އަލުން ފަށައި، ފުރަތަމަ އެޕިސޯޑުގައި ބައިވެރިވެފައިވަނީ އަކްޝޭ ކުމާރެވެ. އޭނާގެ ފިލުމު ޕްރޮމޯޓް ކުރުމަށެވެ.

މި އެޕިސޯޑުގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ވީޑިއޯއެއް ޝޯގެ ބައިވެރިއެއް ކަމަށްވާ އަރުޖަނާ ޕޫރަން ސިންގް ވަނީ އިންސްޓަގުރާމުގައި ހިއްސާ ކޮށްފައެވެ.

މި ވީޑިއޯގައި ފެންނަނީ ވާނީ ކަޕޫރު ސްޓޭޖަށް އައުމަށް ތައްޔާރު ވެފައިވަނިކޮށް އެތާނގައި އޮތް ދޮންކެޔޮ ތޮށިގަނޑެއް ނެގުމަށްފަހު ވާނީ ވަންނަތާ ކުރިމަތީ އަކްޝޭ އެ ބާއްވާ ތަނެވެ.

އަދި އަރުޖަނާ ވީޑިއޯ ކުރާކަން އެނގުމުން ވީޑިއޯ ކުރަނީ ކީއްވެތޯ އަކްޝޭ ސުވާލު ކުރެއެވެ. މި ސުވާލަށް ޖަވާބު ދެމުން އަރުޖަނާ ބުނެފައިވަނީ އަކްޝޭ އެ ކުރަނީ ކޮންކަމެއްތޯއެވެ.


އެއަށްފަހު އަކްޝޭ ގޮސް ދޮންކެޔޮ ތޮށިގަނޑު ކައިރީގައި މަޑުކޮށްލައިގެން ވާނީ ވަންނަން ދެން ހުރެއެވެ. އަދި ތޮށިގަނޑަށް އަރައިގެން ވާނީ ވެއްޓިއްޖެ ނަމަ އޭނާ ހިފަހައްޓާނެ ކަމަށް ވެސް އަކްޝޭ ބުނެއެވެ.

ނަމަވެސް ވާނީ އެތެރެއަށް ވަނުމުގެ ކުރިން އޭނާއަށް އެ ތޮށިގަނޑު ފެނި އެއީ އަކްޝޭ ކުރި ކަމެއްކަން ވެސް އޭނާއަށް އެނގެއެވެ. އަދި އަކްޝޭއާއި ދިމާއަށް އިނގިލި ދިއްކޮށްފައި ހޭ މަންޒަރު ވެސް މި ވީޑިއޯއިން ދައްކައިދެއެވެ.