ހެޔޮ ކަމެއްގެ ބަދަލުގައި ލިބުނީ ތެޔޮ ހަމެއް ކަމަށް ބުނަނީ ކޮށްދިން ހެޔޮ ކަންތަކާއި އެކަށީގެންވާ ވަރުގެ ބަދަލެއް ނުލިބުމުންނެވެ.

އެމެރިކާގެ އާއިލާ އަކުން އެޑޮޕްޓް ކޮށްގެން ގެންގުޅުނު ކުއްޖަކު ބޮޑުވެ، ފުރާވަރަށް އެރި ފަހުން އެކުއްޖާ ބަލައި ބޮޑުކުރި "މައިންބަފައިންނާއި" އާއިލާ އެއްކޮށް މަރާލާ، އެމީހުންގެ ގެ އަންދާލަން މަސައްކަތް ކޮށްފިއެވެ.

ފުރާވަރު އަންހެން ކުއްޖާ އަކީ މައިންބަފައިން ނެތިގެން ބަލާނެ މީހަކު ނުވެފައި ވަނިކޮށް ނޯވާ ސްކޯޓިއާ ސަރަހައްދުގެ އާއިލާ އަކުން އެޑޮޕްޓް ކޮށްފައިވާ ކުއްޖެކެވެ.

ކުއްޖާގެ އިތުރު މައުލޫމާތެއް މީޑިއާ އަށް ހާމަކޮށްފައެއް ނުވެއެވެ. ހަމައެކަނި ބުނެފައި ވަނީ އެއީ ފުރާވަރު އުމުރުގެ އަންހެން ކުއްޖެއް ކަމަށެވެ.

އޭނާ ވަނީ އާއިލާ ހުރިހާ އެންމެން ނިދާފައި ތިއްބާ ފާހާނާގައި އަލިފާން ރޯވާ ޒާތުގެ އެއްޗެހި އެތުރުމަށް ފަހު އެތަކެތީގައި އަލިފާން ރޯކޮށްލާފައެވެ. އަދި އެއަށް ފަހު އޭނާ ވަނީ އޭނާ ގެންގުޅޭ ބުޅާ ހިފައިގެން ގެއިން ފިލައިގެން ގޮސްފައެވެ.

އޭނާ ހީކުރި ގޮތަކަށް ކަންތަކެއް ނުވިއެވެ. ފާހާނާގައި އަލިފާން ރޯކޮށްލި ނަމަވެސް އަލިފާންގަނޑު ފެތުރިގެން ނުގޮސް ވަނީ ނިވިފައެވެ. އެހެންކަމުން އެއްވެސް މީހަކަށް ވެސް ގެއްލުމެއް ނުލިބުނެވެ.

ފުލުހުން ކުރި ތަޙްޤީޤުން އަލިފާން ރޯކޮށްލީ އަންހެން ކުއްޖާ ކަން އެނގުމުން އޭނާ ހައްޔަރު ކުރިއެވެ. އަންހެން ކުއްޖާ ކަފާލާތުގެ ދަށުން މިނިވަން ކުރަން އިއްޔެ ކޯޓަށް ހާޒިރު ކުރި ނަމަވެސް ފަނޑިޔާރު ނިންމެވީ އޭނާ ދޫކޮށްލަން ނުފެންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު