ކާންޔޭ ވެސްޓު އޭނާގެ އެންމެ ފަހުގެ ލަވަ އަލްބަމް ޑޮންޑާ ނެރެފައިވާ އިރު އެ އަލްބަމަށް ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

އުމުރުން 44 އަހަރުގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓުގެ އާ ލަވަ އަލްބަލް ނެރެފައި ވަނީ މިއަދުއެވެ. އޭނާގެ މެނޭޖަރު ބޫ ތިއަމް ބުނާ ގޮތުގައި މީސްމީޑިއާގައި އަލްބަމުގެ ލަވަތައް މިހާރު ވެސް ވަނީ ދައުރުވާން ފަށައިފައެވެ. މި ލަވަ އަލްބަމްގައި 26 ލަވަ ހިމެނޭއިރު އޭގެ ތެރެއިން އެއް ލަވަ އަކީ "ލިސެނިން ނައު ޑޮންޑާ"އެވެ.

އެންމެ ފަހުގެ ލަވަ އަލްބަމާ ގުޅިގެން ކާންޔޭގެ ފޭނުން ޓުވިޓާގައި އެމީހުންގެ ޝުއޫރު ފާޅުކުރަކުރަމުންދާ އިރު ގިނަ ބަޔަކު ބުނަމުން ދަނީ ލަވަ އަލްބަމްގެ ލަވަތައް ވަރަށް ހިތްގައިމު ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ބުނާގޮތުގައި މި ލަވަ އަލްބަމަކީ ކާންޔޭގެ އެންމެ ފުރިހަމަ ލަވަ އަލްބަމް ކަމަށެވެ.

ސަތޭކަ އަށް މިނެޓުގެ މި ލަވަ އަލްބަމަށް ތަރުހީބު އޮހެމުންދާ އިރު މި އަލްބަމްގައި މަޝްހޫރު އާޓިސް ކަމަށްވާ ޓްރެވިސް ސްކޮޓް، ކިޑް ކޫޑީ ފަދަ ފަންނާނުންގެ އަޑުވެސް ހިމެނެއެވެ.

މި ލަވަ އަލްބަމަށް ނަންދީފައި ވަނީ ކާންޔޭގެ މަންމަގެ ނަމާއި ގުޅުވައިފައެވެ. އެގޮތުން ކާންޔޭގެ މަންމަގެ ނަމަށް ކިޔަނީ ޑޮންޑާ ވެސްޓްއެވެ. 2007 ވަނަ އަހަރު ޑޮންޑާ ވެސްޓް މަރުވެފައިވާ އިރު އޭނާ މަރުވި އިރު އޭނާގެ އުމުރަކީ 58 އަހަރެވެ.

ކާންޔޭއަކީ މަޝްހޫރު އެތައް ލަވައެއް ކިޔާފައިވާ ގިނަ ބައެއްގެ ސަޕޯޓު ލިބިފައިވާ ފަންނާނެއްކަން ފާހަގަ ކުރެވެއެވެ.