ޓޮމް ކުރޫޒްގެ ”މިޝަން އިންޕޮސިބަލް“ ފިލްމުތަކަކީ ގިނަބައެއްގެ ސަމާލުކަން ހޯދާފައިވާ ފިލްމުތަކެކެވެ. މިހާތަނަށް މީގެ ހަ ފިލްމެއް ނެރެފައިވާއިރު ހުރިހާ ފިލްމެއްގެ މައިގަނޑު ރޯލުން ފެނިގެން ދަނީ ޓޮމް ކުރޫޒް އެވެ. އަދި އޭނާ އަކީ މި ފިލްމް ތަކުގެ ޕްރޮޑިއުސަރުވެސްމެއެވެ. މީގެ އާ ފިލްމުގެ ޝޫޓިން މިހާރު ކުރިޔަށްދާކަން ފާހަގަ ކުރެވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މިޝަން އިންޕޮސިބަލްގެ ޝޫޓިން ހުއްޓާލާފައިވާއިރު އޭގެ ޝޫޓިން ކުރިޔަށް ގެންދިޔައީވެސް ވަރަށް ސެކިއުރިޓީ ވަރުގަދަކޮށްކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ޔޫރަޕްގެ ޤައުމުތަކުގައި ކޮވިޑްގެ ހާލަތު ގޯސްވާން ފެށުމުން ފިލްމުގެ ޝޫޓިން ހުއްޓާލާފައި ވަނިކޮށް އަލުން ވަނީ ޝޫޓިން ފަށާފަ އެވެ.

މިޝަން އިންޕޮސިބަލް 7 ގައި ފެނިގެންދާނެ ތަރިންގެ ތެރޭގައި ރެބެކާ ފަރގަސަން، ވެނެސަރ ކާބީ، ސައިމަން ޕެގް، ވިންގ ރޭމްސް، އަދި ވިލަންއެއްގެ ގޮތުން ފެއްނާނީ އިސާއީ މޮރަލްސް އެވެ.

ގިނަ ދުވަސްތަކެއް ވަންދެން މި ފިލްމުގެ ޝޫޓިން މެދުކަނޑާލާފައި މިހާރު އަލުން ފިލްމުގެ ޝޫޓިން ފަށައިގެން ކުރިއަށް ގެންދާއިރު މި ފިލްމުގެ ޝޫޓިންގެ ތެރޭގައި ނަގާފައިވާ ފޮޓޯތައް މީސްމީޑިޔާގައި ދައުރުވަމުންދާކަން ފާހަގަ ކުރެވެއެވެ.

މި ފިލްމުގެ ޑައިރެކްޓަރ ކްރިސްޓޮފްރ މެކްކުއަރީ ވަނީ ދާދިފަހުން މި ފިލްމުގެ ޝޫޓިންގެ ތެރޭގައި ނަގާފައިވާ ފޮޓޯއެއް އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފަ އެވެ. އޭނާ ބުނީ އެމްއައި7 ގެ ޝޫޓިން މިހާރު ކުރިޔަށް ދާކަމަށް ބުނެ އެމްއައި8 ގެ ވެސް ޓެގް ކޮށްފައެވެ. އެމްއައި8 ގެ ޝޫޓިން ފެށޭ ތާރީހެއް އޭނާ ހާމަކޮށްފައި ނުވެއެވެ.