40 މީހުންގެ ފުރާނަ ސަމަލާތްވީ އެމީހުން ލަންޗް ބްރޭކަން ދިޔުމުގެ ސަބަބުން ނެވެ.

މުންބައިގެ ޓްކޯޕާ ސަރަހައްދުގައި ހަދަމުންދިޔަ އިމާރާތަކަށް އިއްޔެ މަތިންދާ ބޯޓެއް ވެއްޓުނު ހާދިސާގައި ގިނަ ބަޔަކަށް އަނިޔާ ނުވީ އެތާނގައި މަސައްކަތް ކުރާ މީހުން މެންދުރު ކެއުމަށް ދިޔަ ވަގުތާއި ފްލައިޓް ވެއްޓުނު ގަޑިޔާއި ދިމާވުމުންނެވެ.

ނަމަވެސް އެވަގުތު އެ ސަރަހައްދުގައި މަސައްކަތް ކުރަމުންދިޔަ 3 މީހަކަށް ވަނީ ކުދި އަނިޔާ ތަކެއް ލިބިފައި އެވެ. އަދި މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އެއްވެސް މީހަކަށް ސީރިޔަސް އަނިޔާއެއް ވެފައި ނުވެއެވެ.

އެ އިމާރާތާއި ހަވާލުވެހުރި މީހެއް ރިޕޯޓްތަކަށް މައުލޫމާތުދެމުން ބުނިގޮތުގައި އެވަގުތު އެތަނުގައި މަސައްކަތް ކުރަން މަދު ބަޔަކު އުޅުނު ކަމަށާއި ނަސީބު ރަނގަޅުކަމުން ހާދިސާ ހިނގިއިރު ގިނަ މީހުންވާނީ މެންދުރު ކެއުމަށް ގޮސް ކަމަށެވެ.

އަދި އެ ވަގުތަކީ ކުޑަކޮށް ވާރޭ ވެހޭ ވަގުތެއް ކަމުން ކެއުމަށް ހިޔާ ހޯދުމަށް ދިޔައީ ތަންކޮޅެއް ދުރުގައި ހަދަންފަށާފައިވާ އިމާރާތަށް ކަމަށާއި އެހެން ދުވަސްދުވަހު ކަނީވެސް އެ އިމާރާތުގައި ކަމަށެވެ.

އޭގެ އިތުރުން އެ ހިސާބުގައި އެއްވެސް ނާމާންކަމެއް ކުރިން ނުފެންނަ ކަމަށާއި ކުއްލިއަކަށް ފެނުނީ ބާރުއަޑަކާއިއެކު މުޅިތަނުން ދުން އެރިތަން ކަމަށް އެ މީހާ ކިޔައިދިނެވެ.

އެ ބޯޓަކީ ކުރީގައި އުއްތަރު ޕްރަޑޭޝްގައި ދުއްވަމުންދިޔަ ބޯޓެކެވެ. ނަމަވެސް މިހާރު ވަނީ ޔޫވައި އޭވިއޭޝަންއަށް ވިއްކާލާފައި އެވެ.

އަދި މަތިންދާބޯޓު އެވަގުތު ނައްޓާލީ ޖުހޫ އެއާސްޓްރިޕްއިން ޓެސްޓް ބުރަކަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު