މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް އިން އިޖިޕްޓް ވަނީ ކަޓާފައެވެ. ނަމަވެސް އެ ޓީމަށާއި، އެ ޓީމަށް ސަޕޯޓް ކުރާ މީހުން މަދެއް ނޫނެވެ.

މީގެ ތެރެއިންވެސް އިޖިޕްޓުގެ ޓީމުގެ އެންމެ ފާހަގަކޮށްލެވޭ އެކަކު ކަމަށްވާ މުހައްމަދު ސަލާހްއަކީ ގިނަ ބަޔަކު އެ މީހަކަށްޓަކައި މަރުދޭ އެކަކެވެ. އޭނާގެ ފޭނުން ވަރަށް ގިނައެވެ.

އެގެ އެއް ހެއްކަކީ ދާދިފަހުން ބަޔަކު ސަލާހް ލިވަޕޫލްގައި ދިރިއުޅޭ ގޭގެ އެޑްރެސް ފޭސްބުކް މެދުވެރިކޮށް ލީކް ކޮށްލުމާއި، ގުޅިގެން އޭނާގެ ގެ ކައިރިއަށް އެތައް ބަޔަކު އެއްވެފައެވެ.

އެތައް ބަޔަކު 26 އަހަރުގެ މި ކުޅުންތެރިޔާގެ ގެ ކައިިރިއަށް އެއްވުމާއި ގުޅިގެން ސަލާހް ވަނީ އެ ފޭނުންނާއި އެތަނުން ބައްދަލުކޮށްފައެވެ. އަދި ބައެއް މީހުންނަށް އޮޓޯގްރާފްވެސް ދިނެވެ.

ސަލާހްގެ ގެ ކައިރިއަށް އެއްވީ ކިހާ މީހުންނެއްކަމެއް ކަށަވަރުވެފައިނުވާއިރު، އޭނާ އެ ފޭނުންނާއި ބައްދަލު ކުރުމުން އެތައް ބަޔަކު ވަނީ އޭނާއަށް ތައުރީފްކޮށްފައެވެ.

ސަލާހްކީ މިއަދު ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ ބާރަށް ފިޔަޖަހަމުން އަންނަ އެއް ކުޅުންތެރިޔާއެވެ. އެއީ މުޅި މިސްރު މިއަދު އެކުޅުންތެރިއަކަށްޓަކައި ފަހުރުވެރިވާ ކުޅުންތެރިޔެއްވެސް މެއެވެ.