ބަތަލާ ޝިލްޕާ ޝެޓީއާއި އޭނާގެ ފިރިމީހާ ރާޖު ކުންދުރާގެ މައްޗަށް އިތުރު ތުހުމަތުތަކެއް ކޮށްފިއެވެ.

ބަރަހަނާ ފިލުމު އުފެއްދުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ރާޖު ކުންދުރާގެ މައްސަލައިގެ ސަބަބުން އޭނާގެ އަންހެނުން ޝިލްޕާ އޭނާ ދޫކޮށްލުމަށް ވަނީ ނިންމާފައެވެ، އަދި ދަރިން ވެސް ރާޖުއާއި ދުރުކުރުމަށް ނިންމާފައިވާއިރު، މިހާރު ޝިލްޕާ އަދި ރާޖުގެ މައްޗަށް ކުރެވެނީ މަކަރާއި ހީލަތުގެ އިތުރު ތުހުމަތުތަކެކެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި މިދިޔަ ބުދަ ދުވަހު ފުލުހުން ދިއްލީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ދިއްލީގެ ވިޔަފާރިވެރިއެއް ވަނީ ޝިލްޕާއާއި ރާޖު މަކަރާއި ހީލަތުން އެތައް ލައްކަ އިންޑިއަން ރުޕީސްއެއް އަތުލާފައިވާ ކަމަށް ބުނެފައިވެއެވެ.

މި މައްސަލައިގެ އަޑު އެހުން ތާވަލު ކޮށްފައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހަށެވެ.

ރާޖުއާއި އިތުރު ބަޔަކު ވެގެން މި ވިޔަފާރިވެރިޔާއަށް ވިޔަފާރީގެ ދޮގު ފޮޓޯތަކެއް ދައްކައި، އެމީހުންގެ ވިޔަފާރިއަށް ޚަރަދު ކުރުމަށް އެދިފައިވާ ކަމަށް ވެސް މި މީހާގެ މައްސަލައިގައި ބުނެފައިވެއެވެ.

މީގެއިތުރުން ރާޖުގެ ވިޔަފާރިއަކީ ބަރަހަނާ ފިލުމު ދައްކައި އެޕްލިކޭޝަންތަކާއި ބެހޭ ވިޔަފާރިއެއްކަން ވެސް އޭނާއަށް އެނގުނީ ދާދި ފަހުން އެ މައްސަލަ ފެންމަތިވެ ރާޖު ހައްޔަރު ކުރި ފަހުން ކަމަށް ވެސް ބުނެފައިވެއެވެ.

ރާޖުއާއި ރާޖުގެ މުއްސަނދިކަމުން އެއް ފަރާތް ވާން ބޭނުންވި ޝިލްޕާއަށް އެއްފަރާތްވެ، ވަކިން ދިރިއުޅުމެއް ފެށޭކަށް ނެތެވެ. އެއީ އަނެއްކާ ވެސް އަނެއް މައްސަލަ ކުރިމަތިވީއެވެ.

ނަމަވެސް ޝިލްޕާ ވަނީ އަމިއްލަ މަސައްކަތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ނިންމާފައެވެ.