"ގެއެއްގައި ދަންޖެހިފައި ހުއްޓާ މީހަކު ފެނިއްޖެ" "އަމިއްލަ ނަފްސަށް ޒަޚަމްތަކެއް ދީ މީހަކު މަރުވާން އުޅެފި" މިއީ މިއަދު ދިވެހި ރާއްޖޭގެ ނޫސްތަކުގެ ފަލަ ސުރުޚީ ތަކެެވެ. ކަންވާނީވެސް އެހެންތާއެވެ. ގެނެސްދެވޭނީ މުޖުތަމަޢުގެ ހާލަތު ތާއެވެ.

އަމިއްލައަށް މަރުވުމަކީ ދިވެހިންގެ ތެރޭގައި "މޫސުމީ ގޮތަކަށް" އަންނަ ކަމަކަށް މިވަނީ ވެފައެވެ. ހުޅަނގު މޫސުމާއި އިރުވައި މޫސުމުގެ އިތުރަށް އަމިއްލައަށް މަރުވާ މޫސުމާއި މީހުންގެ ގަޔަށް ވަޅި ޖަހާ މޫސުންވެސް އިތުރު ކޮށްލަން މިހާރު ރާއްޖޭގައި ފެނެއެވެ. ނަމަވެސް މިކަން މިހާ ހިސާބަށް ދިޔައީ ކީތްވެގެންތޯ ބަލާލަން ޖެހެއެވެ.

އެންމެ ފުރަތަމަ މީހާ އަމިއްލަ ނަފްސު މަތިން ފޫހިވެ، ދުނިޔެއިން ވަކިވެ ދާާން އެދެނީ ގިނަ ބައެއްގެ އިޙްމާލް އެކަމުގައި އޮވެގެންނެވެ. މިކަމުގައި އެކުއްޖާގެ ބެލެނިވެރިންނާއި ޓީޗަރުންގެ އިޙްމާލެއްވެއެވެ. ލޯބި ވެރިޔާއާއި އެކުވެރިންގެ ބައިވެރިވުމެއްވެއެވެ. މިއިން ކޮންމެ މީހަކުވެސް އަނެކާ ކުރެން ކުރަނީ އުންމީދެވެ. އެއުންމީދުތަކުގައި ކުލަޖެހެން އަނެކާ "ހަފުން" ވިޔަސް އެކަމުގައި ފަރުވާލެއް ނެތެވެ. މިއީ މައްސަލަ ގޯސްވާ ހިސާބެވެ.

ތިމާގެ ނަފްސަށް ކިތަންމެ ބޮޑު އަނިޔާއެއް އަނެކާ ދިން ކަމުގައި ވީނަމަވެސް ނުވަތަ ކިތަންމެ ބޮޑު އޮޅުވާލުމެއް އޮޅުވާލި ކަމުގައި ވީނަމަވެސް ދުނިޔޭގައި ތިމާއަށް ލިބިފައިވަނީ އެއް ފުރުސަތުކަން އަބަދުވެސް ހަނދާން ބަހައްޓަން ޖެހެއެވެ. އަދި ހަމަ އެހެންމެ، އަމިއްލައަށް މަރުވުމަކީ އެއްފަހަރު ވާނެ ކަމެއްކަމާއި އަލުން އަނބުރާ ކިތަންމެ ވަރަކަށް ދުނިޔެއަށް އަންނަން ބޭނުން ވިޔަސް އެކަން ނުވާނެ ކަން ޤަބޫލު ކުރަންޖެހެއެވެ.

ތިބާ މިއަދު ދުނިޔެ މަތިން ފޫހިވެފައި ތިހިރީ ކީއްވެގެންތޯ އަބަދުވެސް ސުވާލު އުފައްދަން ޖެހެއެވެ. ތިމާގެ ލޯބިވެރިޔާ ތިމާއަށް ބޭވަފާތެރި ވުމަކީ ނުވަތަ ވަޒިފާއިން ތިމާ ވަކިކޮށްލުމަކީ ދުނިޔެމަތިން ފޫހިވާން ޖެހޭ ސަބަބެއް ނޫނެއެވެ. އެއީ ދުނިޔޭގެ އިމްތިޙާނެވެ. ދަސް ކުރަންވީ ހުރިހާ ކަމަކަށްވެސް ކެތް ކުރާށެވެ.

ތިމާ މިއަދު ދުނިޔެމަތިން ފޫހިވާނަމަ މިކަމާމެދު ވިސްނާލާށެވެ. މިއަދު މިނިންމުން ތިބާ ނަގާ ގޮތަކުން މާދަމާގެ ރީތި ހަނދު ތިބާއަށް ފެނުމުގެ ފުުރުސަތެއް ނޯންނާނެއެވެ. އެކުވެރިންނާއެކު "ބިޒީ ނޫން ދުވަހަކު" އަތިތި މައްޗަށް ގޮސް މަޖާކޮށެއް ނުޅެވޭނެއެވެ. އެކަނިމާއެކަނި ގޮނޑުދޮށުގައި އިށީންދެލައިގެން އިންނަ އިނުމުގެ ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. މިއަދު ތިބާ ކޮންމެ ސަބަބަކާ ހުރެ ދުނިޔެ މަތިން ފޫހިވިޔަސް، ދުނިޔެ ތިބާ މަތިން ދުވަހަކުވެސް ފޫހި ނުވާނެ ކަން އަބަދުވެސް ހަނދާން ކުރާށެވެ. ދުނިޔެ އަބަދުވެސް ތިމާއަށް އައު ކަންތައްތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ދޭނެއެވެ. ނަމަވެސް އެއީ ތިމާ ދުނިޔާގައި ހުރިއްޔާތަާއެވެ.

ތިމާގެ ނަފްސު އަމިއްލައަށް ދުއްވާލުމުގެ ކުރިން މިކަމާމެދުވެސް ވިސްނާލާށެވެ. ތިމާގެ މަންމަ 9 މަސް ދުވަހު ބަނޑުގައި އަޅާ ތިމާ އުފަން ކުރީ ކީއްކުރަން ހެއްޔެވެ؟ ތިމާއަށް ތަރުބިއްޔަތުދީ ތިމާ މީހަކަށް ހަދައިދިނީ މިމަންޒަރު ލޮލުން ދެކެންހެއްޔެވެ. ތިމާގެ ކޮންމެ އުފަލަކީ އަމިއްލަ އުފަލެއް ކަމުގައި ބަލައިގަތް ތިމާގެ ބައްޕަގެ ލޮލުން ތިމާ އަމިއްލައަށް މަރާލާފައިވާ މުޅަ މަސްގަނޑު ބަލަން ތިބާއަށް ކެތް ކުރެވޭނެހެއްޔެވެ. ދުނިޔެއިން ތިމާ ދިއުމަކީ ތިމާއަށް ދެވޭ އަނިޔާއެއް ކަމަށް ހީކުރެވުނު ކަމުގައި ވީނަމަވެސް އެއީ ގިނަ ބަޔަކަށް ދެވޭ އަނިޔާއެކެވެ. މަރުވާ ވަގުތުކޮޅުގައި ތިމާއަށް ވޭން ތަޙައްމަލް ކުރެވުނު ކަމުގައި ވީނަމަވެސް މުޅި އުމުރު ދުވަހު ވޭން ތަޙައްމަލް ކުރަން ދުނިޔޭގައި ތިބި ތިމާގެ ރަޙްމަތްތެރިން މަތިން ތިމާ ހަނދާން އެބަހުރި ހެއްޔެވެ؟

ﷲ ސުބްޙާނަހޫ ވަތަޢާލާވަނީ އެއްވެސް ނަފްސަކަށް އެނަފްސަކަށް ނުއުފުލޭ ވަރުގެ ބުރަ ދުނިޔޭގައި ނުޖައްސަވާނެ ކަމަށް ވަޢުދު ވެވޮޑިގެންފައެވެ. ތިމާއަށް ދުނިޔެއަކީ ބުރަ ތަނެއް ކަމުގެ އިޙްސާސްވާ ކޮންމެ ފަހަރަކު މިކަމުގެ މަތިން ހަނދާން ކުރާށެވެ. ﷲ ސުބްޙާނަޙޫ ވަތަޢާލާ އަބަދުވެސް ތިބާއާއެކު ވޮޑިގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ކުއްޖާ ދުނިޔެއަށް އަންނަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. ޢެހެންނަމަވެސް އެކުއްޖާ ގައިގައި ޖައްސާ ކުލައެއް ޖައްސަނީ މައިންބަފައިންނެވެ.މިއަދުގެ ދަރިންގެ ތަރުބިއްޔަތުގައި ހުރިހާ ފަރާތަކުންވެސް މިވަނީ އިޙުމާލުވެފައެވެ. ޓަރުބިއްޔަތުގެ އަސާސްކަމުގައި ބަލަނީ ޓޮމް އެންޑް ޖެރީ ކާޓޫނުގެ ކޮންސެޕްޓް ނޫންބާވައޭ ހިތަށް އަރައެވެ.

    15
    1
  2. އިހުމާލް

    އެއްމެންގެ ލޯބިން މަހުރޫމްކުރަނީ ކީއްވެ؟
    އޯގާތެރިކަމާ އަޅާލުން ތިބާބޭނުން ވާގޮތަށް އަނެކުންވެސް ބޭނުންވާކަން ގިނަބަޔަކު ނުދަންނަނީ ކީއްވެ؟
    އަނެކާގެ ވެސް އިންސާނީ ހިތެއްވާކަން ނުދަންނަނީ ކީއްވެ؟
    ގިނަފަހަރު މީހުން އެހެރި ކޮއް އެއްފަރާތް ކުރެވޭއިރު އެކަމުން ދެރަވާނެކަން އިހުސާސް ތިބާ ނުކުރަނީ ކީއްވެ؟
    އަހަރެން މީހުންނަށް ހިތްވަރު ނުދެން މަރުމުމަކަށް އެކަމުވެސް އެ ކަން ވަރަށް ބޮޑަށް
    އަހަރެން ވެސް ދެކެފިން!
    ގިނަމީހުން އެފަދަ މަގު ހިޔާރު ކުރަނީ ގޯސް މީހަކައް ވެގެންނެއް ނުން! އެއީ މުޖުތަމައުގެ ލޯބި އަދި އާއިލާގެ ލޯބި ނުލިބި އެމީހާ އެކަހެރި ކުރާތީ ކަން ޔާގީން!!!!!
    އިހިމާލް ހަމަ ބޮޑީ!!!
    އަހަރެން ދުޢާާ ކުރަން އެންމެން ވެސް ސަލާމަތް ކޮއްދެއްވުންއެދި ﷲ އާ ކޮންމެ ކަމެއް ކުޅަދުން ވަންތަ ރަސްކަލާންގެ!!

  3. ޫކިޔުން ތެރިޔެއް..

    ހުރިހާވެސް ކަމަކީ މީހާގެ އީމާންތެރިކަމެއް ނެތުން...

    3
    1
  4. ޟޭރީ ޛެނޮ

    ﷲ ސުބްޙާނަހޫ ވަތަޢާލާވަނީ އެއްވެސް ނަފްސަކަށް އެނަފްސަކަށް ނުއުފުލޭ ވަރުގެ ބުރަ ދުނިޔޭގައި ނުޖައްސަވާނެ ކަމަށް ވަޢުދު ވެވޮޑިގެންފައެވެ.