މިދިޔަ އަހަރު ހޮލީވުޑްގެ ބޮޑު ސްކްރީނުން ފެނުނު ތަރިންގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ހޯދި ފަންނާނަކީ މައިކެލް މޮރޯންކަމީ ސުވާލެއް އޮތް ކަމެއް ނޫނެވެ. އޭނާގެ ބަރު އަޑާއި ރީތި ސިފަތަކުގެ ސަބަބުން އަންހެން ކުދިންގެ ހިތްތައް ފަތަހަ ކުރި އިރު އޭނާ ވެގެން ދިޔައީ އެތައް ބަޔަކަށް ކަމުދިޔަ މޫނަކަށެވެ.

365 ޑޭސް އިން ފެނިގެން ދިޔަ "މާސީމޯ"ގެ ރޯލާ އެކު އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔަ އިރު އެ ފިލްމް ނެޓްފްލިކްސްގެ އެއްވަނަ ފިލްމްގެ ގޮތުގައި އެތައް ދުވަހެއް ވަންދެން ދެމިއޮތެވެ. އަދި އެ ފިލްމަށް ފަހު މީހުންނަށް އޭނާ އެނގޭ ވަރުން ބޭރަށް ނުކުމެ އުޅެން ވެސް އުނދަގޫވީ ކަމަށް މައިކެލް ވަނީ ބުނެފައެވެ.

އެހެންނަމަވެސް މައިކެލްގެ ހަޔާތަށް ލިބުނު ބޮޑު މަޝްހޫރުކަމާއި އެކުވެސް އޭނާ އަށް މި ދޮޅު އަހަރަކީ އެހާ ފަސޭހަ ދުވަސްތަކެއް ނޫނެވެ. މައިކެލް އަށް އެ ފިލްމު ލިބުނީ އޭނާގެ މާލީ ހާލަތު ދަށްވެ އޭނާ ވަރަށް ހާލުގައި އުޅެމުން ދަނިކޮށެވެ. މީގެ އިތުރުން އޭނާގެ އަލަތު ކައިވެނި ރޫޅުމުގެ ތަކުލީފުން އަރައިނުގަނެވިގެން އުޅެނިކޮށެވެ.

ދާދިފަހުން އޭނާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އަނދިރިގަނޑުން ނުކުމެވުނީ އަދި ކިރިޔާ ކަމަށެވެ. އޭނާ ބައެއް ފޭނުންގެ ސުވާލުތަކަށް ޖަވާބު ދެމުން ބުނީ އޭނާ އަށް ލިބުނު ކުއްލި މަޝްހޫރު ކަމުގެ ސަބަބުން އޭނާގެ ދިރިއުޅުމުގައި އޭނާ އަށް ދިމާވި ދެރަވާ ކަންކަމާއި ހިތާމަ ކުރަން އޭނާ އަށް ފުރުސަތު ނުލިބޭ ކަމަށެވެ. އެގޮތުން ކުދިންނާއި ދުރުގައި ހުރުމުން ކިތަންމެ ދެރަވި ނަމަވެސް މަސައްކަތުގެ ސަބަބުން އެހެން އުޅެން މަޖުބޫރުވި ކަމަށް އޭނާ ބުނެއެވެ.

އެންމެ އުފާވާ ކަންކަން ނުކުރެވި މާޔޫސްކަމުގައި ދުވަސްތައް ހޭދަކުރަން ޖެހުނު ކަމަށާއި އޭނާ އަށް އެ ދުވަސްކޮޅު އުފަލެއް ގެނެސްދިން ހަމައެކަނި ކަމަކީ ކުރެހުމާއި މިއުޒިކް ކަމަށް މައިކެލް ބުނެއެވެ. އޭނާ ބުނީ މަޝްހޫރު ކަމަކީ އަގެއް އޮތް ކަމެއްކަމަށް ގަބޫލުކުރާ ކަމަށެވެ. އޭނާ އަށް މިނިވަންކަން ގެއްލުމާއި މީހުންގެ ފާޑުކިޔުން ފަދަ ކަންކަމާއި ކުރިމަތިލާން އަދިވެސް ވަރަށް އުނދަނގޫ ކަމަށް އޭނާ ބުނެއެވެ.

"އަދިކިރިޔާ އަނދިރިކަމުން މި ނުކުމެވެނީ. މި ހުރިހާ ދުވަހު އުޅުނީ އަނދިރީގަ. މަޝްހޫރުވިޔަސް އުފާވެސް ވޭ. އެކަމަކު ކޮންމެވެސް ހިސާބަކުން އެނގޭ އަހަރެން ދެރަވާ ކަން. މިހާރު ވަރަށް މަސައްކަތް އެބަ ކުރަން އަލުން އުފާކުރަން ދަސްކުރަން." އޭނާ ބުންޏެވެ.

365 ޑޭސް ގައި މައިކެލް އަދާކުރަނީ ގޭންގް ލީޑަރެއްގެ ރޯލެވެ. މި ފިލްމްގެ ދެ ވަނަ ބައިގެ މަސައްކަތް މިހާރު އެބަ ކުރިއަށް ދެއެވެ.