އެއް ކިލޯމީޓަރު ނުވަތަ 0.6 މޭލުގެ ބޮޑު ޖައްވީ އުޅަނދެއް އުފެއްދުމަށް ޗައިނާއިން ތައްޔާރުވާން ފަށައިފި އެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޗައިނާ އިން މިހާރު ދަނީ ބިޔަ އުޅަނދު އުފެއްދުމުގެ މަސައްކަތް ކުރާނެ ގޮތް ހޯދައި ދިރާސާކުރަމުންނެވެ. މިއީ ފައިދާހުރި ކަމެއްތޯ އާއި މިވަރުގެ ބޮޑު ޖައްވީ އުޅަނދަކުން ކުރާނީ ކޮން ބޭނުމެއްތޯވެސް ޗައިނާއިން ދަނީ ބަލަމުންނެވެ.

މި ޕްރޮޖެކްޓަކީ ޗައިނާގެ ނެޝެނަލް ނެޗުރަލް ސައިންސް ފައުންޑޭޝަން އިން ހުށައަޅާފައިވާ ޕްރޮޕޯޒަލް އެކެވެ. މި ޕްރޮޖެކްޓަށް ފައިސާ ދެނީ ޗައިނާގެ މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ އިންނެވެ.

ރިސޯޗް އައުޓްލައިންގައި ޝާއިއު ކޮށްފައިވާ ލިޔުމެއްގައި ބުނީ މިފަދަ ބިޔަ ޖައްވީ އުޅަނދެއް އުފެއްދުމުގެ ބޭނުކީ ކުރިޔަށް އޮތް މުސްތަގުބަލުގައި އޯބިޓްގައި އިންސާނުންނަށް ދިރިއުޅެވޭނެ ގޮތް ހޯދުމާއި ކާއިނާތުގެ ކަންކަން ހޯދުމުގައި ބޭނުންކުރުމަށާއި ކާއިނާތުގައި ދަތުރުކުރުމަށް އެހީވުމެވެ.

ޗައިނާއިން ހިންގާ މި ޕްރޮޖެކްޓް ފަސް އަހަރަށް ކުރިޔަށް ގެންދާއިރު މި ޕްރޮޖެކްޓުގެ ދިރާސާގެ މަސައްކަތަށް އެކަނިވެސް 2.3 ބިލިއަން ޑޮލަރު ހަރަދުވެއެވެ. މި ޕްރޮޖެކްޓަށް ނާސާގެ ދިރާސާކުރާ ފަރާތަކުންވެސް ވަނީ ތާއީދުކޮށްދަ އެވެ.

ނާސާގެ ޗީފް ޓެކްނޮލޮޖިސްޓް މޭސަން ޕެކް ބުނީ މި ހިޔާލަކީ ރަނގަޅު ހިޔާލެއް ކަމަށާއި މިއީ ކުރަން ވަރަށް އުނދަގޫ ކަމަކަށް ވާނޭ ކަމަށް ބުނެފައެވެ. އަދި މިފަދަ ބޮޑު އުޅަނދެއް އުފައްދާނަމަ ވަރަށް ބޮޑު ހަރަދެއް ދާނޭ ކަމަށް އޭނާ ބުނެފައިވެއެވެ.

ޓެކްނޮލޮޖީގެ ގޮތުން ކުރިއަރަމުންދާ މި ދުނިޔޭގައި މުސްތަގުބަލުގައި އިންސާނުން ޖައްވުގައިވެސް އުޅެން ފަށާނޭ ކަމަށް އަބަދުވެސް ބުނެވެމުންދާއިރު މި ޕްރޮޖެކްޓަކީ އެ ވާހަކަތައް ހަގީގަތަށް ވުމުގެ އަސްލެއް ކަމަށް ވެދާނޭ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ފަހަކަށް އައިސް ޖައްވީ ކަންކަމަށް ޗައިނާއިން ކުރާ ހޭދަ ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. މިހާރު ވެސް ޗައިނާގެ ޖައްވީ ސްޓޭޝަނެއް ވަނީ ޖައްވުގައި ގާއިމު ކޮށްފައެވެ.