ބޮލީވުޑުގެ ލޯބިވެރިންގެ ތެރެއިން އެންމެ ގިނައިން ވާހަކަ ދެކެވުނު އެއް ޖޯޑަކަށް ވާނީ ސަލްމާން ޚާނާއި އައިޝްވާރިޔާއެވެ. ވަރަށް ލޯބިން އެކުގައި އުޅުމަށް ފަހު އެދެމެދުގައި ޖެހުނު މައްސަލަތަކެއް ސަބަބުން ވަނީ ވަކިވެފައެވެ.

ސަލްމާނާއި އައިޝްވާރިޔާ އެކުގައި އުޅުނު ދުވަސްވަރު އެދެމީހުން ވަނީ އެކުގައި ފިލުމެއް ވެސް ކުޅެފައެވެ. 1999 ވަނަ އަހަރު ނެރުނު ސަންޖޭ ލީލާ ބަންސާލީގެ ''ހަމް ދިލް ދޭ ޖުކޭ ސަނަމް'' އިން ދެމީހުންގެ ކެމިސްޓްރީ ބެލުންތެރިންނަށް ވަރަށް ކަމުދިޔައެވެ.

އައިޝްވާރިޔާއާއި ސަލްމާން އޭގެފަހުން އެކުގައި އެއްވެސް ފިލުމަކުން ފެނިފައެއް ނުވެއެވެ. ސަލްމާނާއި އެކު އަނެއްކާ ވެސް ފިލުމަކުން ފެނިދާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެމުން އައިޝްވާރިޔާ ބުނެފައިވަނީ އެއީ ސުވާލު ވެސް ކުރަން ޖެހޭނެ ކަމެއް ނޫން ކަމަށެވެ.

''ސަލްމާން ޚާނާއި އެކުގައި މަސައްކަތް ކުރުމަކީ ސުވާލު ވެސް އުފެދޭ ކަމެއް ނޫން. އެއީ ނުވާނެ ކަމެއް. އަހަރެން ސަލްމާނާއި އެކު ހުރިހާ ގުޅުމެއް ނިންމާލަން ޖެހުނުއިރު އަހަރެން އޮތީ އެއް ފައި ފްރެކްޗާ ކޮށްލައިގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފަ'' އައިޝްވާރިޔާ ބުންޏެވެ.

ސަލްމާނާއި އެކުގައި މަސައްކަތް ކުރުމުގެ އިތުރުން ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީއާއި އެކުގައި ވެސް މަސައްކަތް ކުރުން އައިޝްވާރިޔާ ވަނީ ހުއްޓާލާފައެވެ. އެއީ ސަލްމާން ޚާންގެ ސަބަބުންނެވެ.

އައިޝްވާރިޔާގެ ފިލުމީ މަސައްކަތަށް ބަލާއިރު މިހާަރު އޭނާ ދަނީ ތަމަޅަ ތާރީޚީ ފިލުމެއްގެ މަސައްކަތް ކުރަމުންނެވެ. މަނީ ރަތުނާމްގެ ''ޕޮނިންޔިން ސެލްވަން'' ގެ ޝޫޓިންތައް މިހާރު ދަނީ ހައިދުރަބާދުގައި ކުރިއަށެވެ.