ފިންލޭންޑްގެ ޖަޒީރާ ރަށެއް ކަމަށްވާ "ސުޕަޝީ" ފަތުރުވެރިންނަށް ހުޅުވާލަން ތައްޔާރުވާން ފަށައިފިއެވެ. މިއީ ޗުއްޓީއެއް ހޭދަކޮށްލަން ބޭނުންވާ މީހަކަށް ހުރިހާ ޚިދުމަތްތަކަކާއި އެކު ތަރައްޤީ ކޮށްފައިވާ ރަށެކެވެ. މިރަށުގެ އެންމެ ހާއްސަ ކަމަކީ މިރަށަށް ޗުއްޓީ ހޭދަކޮށްލަން ދެވޭނީ ހަމައެކަނި އަންހެނުންނަށެވެ. އެއްވެސް ފިރިހެނަކު މިރަށަށް އެރިމަކީ މަނާ ކަމެކެވެ.

ކްރިސްޓީނާ ރޯތު ކިޔާ މީހަކު ތަރައްޤީ ކޮށްފައިވާ ރަށާއި ބެހޭ ގޮތުން "ނިއު ޔޯކް ޕޯސްޓް" ގައި ބުނެފައި ވަނީ މިރަށުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ހަމައެކަނި އަންހެނުންނަށް ދެނީ ފިރިހެނުންނާއި ވަކިން ޗުއްޓީ ހޭދަކުރުމަކީ އަންހެނުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށް ވާތީއެވެ.

"މިއީ ހަޤީޤީ ޗުއްޓީއެއް ހޭދަކޮށްލުމުގެ ފުރުސަތު އަންހެނުންނަށް ދިނުމަށް ތަނަވަސް ކޮށްދޭ ފުރުސަތެއް. މިރަށުގައި އުޅޭ ހަމައެކަނި އަންހެނުން. އެހެންވީމާ އެއްވެސް އަންހެނަކު މޭކަޕް ކޮށް ރީތި ވާކަށް ނުޖެހޭނެ. ޗުއްޓީ އެއީ ޗުއްޓީއެއްގެ ގޮތުގައި ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ." ކްރިސްޓީނާ ބުންޏެވެ.

މިރަށަށް ޗުއްޓީ ހޭދަކުރަންދާ އަންހެނުންނަށް ޔޯގާ އާއި ތަފާތު ކުޅިވަރުތަކާއި، ކައްކާ ކްލާސްތަކާއި ފިޓްނެސް ކްލާސްތަކާއި އަދި އިތުރު ގިނަ ހަރަކާތްތަކެއްގައި ބައިވެރި ވެވޭނެއެވެ.

"ސްޕަޝީ" ގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އެރަށުގައި ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ މީހުން "އެކްސްކްލޫސިވް މެމްބާޝިޕް" ހަދަން ޖެހޭނެއެވެ. ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މިރަށް ފަތުރުވެރިންނަށް ހުޅުވާލާނީ އަންނަ ޖޫން މަހުއެވެ. މިރަށުގައި ޗުއްޓީ ހޭދަކުރަން ޚަރަދު ކުރަން ޖެހޭ ފައިސާގެ އަދަދެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު