ދުނިޔޭގެ އެންމެ ބަރު ޓިއުމަރުކަމަށް ބެލެވިފައިވާ 1.8 ކިލޯގްރާމްގެ ބޮޑު ޓިއުމަރެއް އިންޑިޔާގެ ރައްޔިތެއްގެ ބޮލުން ޑޮކްޓަރުންތަކެއް ނަގައިފިއެވެ. 7 ގަޑިއިރުގެ ދިގު އޮޕަރޭޝަނަކަށް ފަހު އެ ޓިއުމަރު ނެގިގެން ދިޔައިރު ޑޮކްޓަރުން ވަނީ އެއީ ފުރާނައަށް ނުރައްކާވާ ހިސާބަށް ބޮޑުވެފައި އޮތް ޓިއުމަރެއްކަމަށް ބުނެފައެވެ.

އެ ޓިއުމަރު ނަގާފައިވަނީ ސަންތްލާލް ޕަލް ނަމަކަށްކިޔާ އުމުރުން 31 އަހަރުގެ އިންޑިޔާގެ މީހެއްގެ ބޮލުންނެވެ. މިގޮތުން އެ މީހާ ވަނީ އެ ޓިއުމަރާއިއެކު ތިން އަހަރު ދިރިއުޅެފައެވެ. ޓިއުމަރުގެ ސަބަބުން ސަންތްލާލްއަށް ފެނުމަށްވެސް ދަތިތަކަކާއި ކުރިމަތިވީއިރު މިހާރު އެ ޓިއުމަރު ނެގިގެން ދިޔުމާއިއެކު ޑޮކްޓަރުން ވަނީ ސަންތްލާލްއަށް އޭނާގެ ފެނުމުގެ ހިއްސު އަލުން ލިބިގެންދާނޭކަމަށް އުންމީދުކުރާކަމަށް ބުނެފައެވެ.

ޓިއުމަރު ނެގުމަށް ކުރެވުނު ސާރޖަރީ ކުރިއަށްދިޔައީ އިންޑިޔާގެ މުމްބާއީގެ ނައިރް ހޮސްޕިޓަލްގައެވެ. ފެބްރުއަރީ 14 ވަނަ ދުވަހު އެ ސާރޖަރީ ކުރިއަށްގެންދެވުނު ނަމަވެސް ސާރޖަރީ ކާމިޔާބުވިކަމާއި ދޭތެރޭ ޝައްކުތަކެއް ހުރުމާއިއެކު އެކަން އާންމު ނުކުރުމަށް ޑޮކްޓަރުން ނިންމިކަމަށް ނައިރް ހޮސްޕިޓަލުގެ ނިއުރޯސާރޖަރީގެ އެންމެ އިސް ޑޮކްޓަރު ޑރ. ޓްރިމާރޓީ ނަޑްކާރނީ ވަނީ ކިޔައިދީފައެވެ.

ސަންތްލާލްގެ އަންހެނުން ވަނީ އިންޑިޔާގެ ތިން ހޮސްޕިޓަލަކުން އެވަރުގެ ބޮޑު ޓިއުމަރެއް ނުނެގޭނޭކަމަށް ބުނިކަމަށް އިންޑިޔާގެ ނޫސްތަކަށް ކިޔައިދީފައެވެ. ޓިއުމަރު ނެގުމަށް ނައިރް ހޮސްޕިޓަލުގައި މަސައްކަތް ކުރި ޑޮކްޓަރުންގެ ޓީމުންވެސް ވަނީ އެއީ ވަރަށް ނާޒުކު އަދި ނުރައްކާތެރި އޮޕަރޭޝަނެއްކަމަށާއި އަދި ޓިއުމަރު ނެގުމަށް ކުރެވުނު ސާރޖަރީއަށްފަހު 11 ލޭ ޔުނިޓް ސަންތްލާލްއަށް ބޭނުންވިއިރު ދުވަސްކޮޅެއްވަންދެން ވެންޓިލޭޓަރެއްގެ އެހީވެސް ސަންތްލާލްއަށް ބޭނުންވިކަމަށް ކިޔައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު