ބޮލީވުޑްގެ ފިލްމީތަރި އަކްޝޭ ކުމާރްގެ މަންމަ، އަރޫނާ ބާތިޔާގެ ހާލުދެރަވެ ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކޮށްފި އެވެ.

އަރޫނާ ބާތިޔާގެ ސިއްހީ ހާލުދެރަވެ ހޮސްޕިޓަލްގެ އައިސީޔޫގައި އެޑްމިޓްކުރި އިރު އަކްޝޭ ހުރީ ފިލްމް "ސިންދްރެއްލާ" ގެ ޝޫޓިން އަށް އިނގިރޭސިވިލާތުގައި އެވެ. ނަމަވެސް މަންމަ ހޮސްޕިޓަލަށް ގެންދެވުމާއި އެކު އަކްޝޭ ވަނީ ވަގުތުން އިންޑިޔާއަށް ގޮސްފަ އެވެ.

އަކްޝޭގެ މަންމަ ހޮސްޕިޓަލްގައި އެޑްމިޓްކުރި ފަހުން އަކްޝޭ އޭނާގެ އިންސްޓަގްރާމުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މި ވަގުތަކީ އޭނާ އަށާއި އާއިލާއަށް ވަރަށް ހިތްދަތި ވަގުތެއް ކަމަށެވެ. އަދި މަންމަ އަށް ޝިފާއަށް އެދި ދުއާކޮށްދިނުމަށްވެސް އޭނާ ވަނީ ފޭނުން ކިބައިން އެދިފައެވެ.

އިންޑިޔާގެ މީޑިޔާތަކުން ރިޕޯޓުކުރާގޮތުގައި އަކްޝޭގެ މަންމަ އެޑްމިޓް ކޮށްފައި އޮތީ ހިރަނަންދާނީ ހޮސްޕިޓަލުގެ އައިސީޔޫގައި އެވެ. އަކްޝޭ އިންސްޓަގްރާމުގައި ކުރި ޕޯސްޓަށް ގިނަ ބަޔަކު ކޮމެންޓުކުރަމުންދާއިރު އެންމެވެސް ވަނީ އަކްޝޭގެ މަންމައަށް އަވަސް ޝިފާއަކަށް އެދިފައެވެ.

ކުޅަދާނަ އެތަކެއް ފިލްމެއް ކުޅެފައިވާ އަކްޝޭ އެންމެ ފަހުން ފެނިގެންގޮސްފައި ވަނީ ފިލްމް ބެލްބަޓަން އިންނެވެ. ބޮޑު ކާމިޔާބީއެއް އެ ފިލްމަށް ލިބެމުންދާއިރު އޭނާގެ އަންނަންހުރި ފިލްމުތަކުގެ ތެރޭގައި ރަކްޝާ ބަންދަން، ސޫރްޔާވަންޝީ، ރާމް ސޭތޫ، ބައްޗަން ޕާންޑޭ އަދި އަތްރަންގީ ރޭ ހިމެނެއެވެ.

ބޮލީވުޑްގެ އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު ފިލްމީތަރިންގެ ތެރޭގައިވެސް އަކްޝޭ ހިމެނެއެވެ. އޭނާ އަކީ ހުރިހާ ވަތްތަރެއްގެ ފިލްމުތައްވެސް ކުޅޭ އެކްޓަރެކެވެ.