ކޮންމެ 5 އަހަރަކުން އެއް އަހަރު ބާއްވަމުން ގެންދާ ވޯލްޑް އެކްސްޕޯ 2020 ދުބާއީގައި ބާއްވަން ނިންމާފައިވާއިރު، މި "އެކްސްޕޯ 2020"ގައި ދިވެހިރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ދިވެހި ފަންނާނުންނަށް ހުޅުވާލައިފިއެވެ.

މި އެކްސްޕޯގައި ފަންނުވެރި ހަރަކާތްތަށް ހުށަހަޅައި ދިނުމުގެ ފުރުސަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް ގުޅިގެން ދިވެހި ފަންނުވެރިންނަށް މިހާރު ވަނީ ހުޅުވާލާފައެވެ. މި އެކްސްޕޯގައި ބައިވެރިވާ ފަންނުވެރީންގެ ދަތުރު ހަރަދާއި، ހުރުމާއި، ކެއުމުގެ ހަރަދުތައް ހަމަޖައްސައިދިނުމުގެ އިތުރުން ޕަރފޯމަންސް ފީއަކާއި ޕޮކެޓްމަނީ ފައިސާ ދޭގޮތަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ވަނީ ނިންމަވާފައެވެ.

އެކްސްޕޯގެ ތެރެއިން ދިވެހި ފަންނާނުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ 3 ދާއިރާއަކުންނެވެ. އެއި ދިވެހި ސަގާފީ ބޮޑުބެރު (ލަވައާއި ނެށުމާއި އެކު)، ފިޔުޝަން މިޔުޒިކް (ދިވެހިންގެ މިއުޒިކީ އާލާތްތަކާއި އަޑުތަކާއި ޒަމާނީ މިއުޒިކް އެކުލެވޭ ގޮތަށް) އަދި ކުރެހުންތެރިންގެ ދާއިރާއެވެ.

މި ދާއިރާތަކުން އެކްސްޕޯގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ރަޖިސްޓްރީވުމާއެކު ޕަރފޯމަންސް ވީޑިއޯ (އޮޑިޝަން ޕަރފޯމަންސް) ނުވަތަ ޕޯޓުފޯލިއޯ ހުށަހެޅުމަށް ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް، އެން.ސީ.އޭއިން ވަނީ ހުޅުވާލާފައެވެ.

އެކްސްޕޯގައި ޕަރފޯމިންގ އާޓިސްޓުން އިވެލުއޭޓްކުރުމުގައި ދިވެހި ސަގާފަތް ރަމްޒުކޮށްދޭ މިންވަރަށާއި، ހުށަހެޅުންތެރިކަމާއި ހުށަހެޅުމުގެ ފެންވަރާއި، ޕޯޓުފޯލިއޯއަށް ބަލާނެކަމަށް އެން.ސީ.އޭއިން ވިދާޅުވެފައިވެއެވެ. އަދި ކުރެހުންތެރިން އިވެލުއޭޓް ކުރުމުގައި ބަލާނެ ކަމަށް އެން.ސީ.އޭއިން ވިދާޅުވެފައިވަނީ ދިވެހި ސަގާފަތާއި، ދިރިއުޅުން އަދި މާހައުލު ރަމްޒުކޮށްދީފައިވާ މިންވަރަށާއި، ކުރެހުމުގެ ފެންވަރުގެ އިތުރުން މަސައްކަތުގެ ތަޖުރިބާއަށެވެ.

މިއީ ޓެކްނޮލޮޖީ، މުނިފޫހިފިލުވުން، ފަންނުވެރިކަމާއި ސަގާފަތް، ކެއުންބުއިމާއި، ތައުލީމާއި، އާކިޓެކްޗަރގެ ދާއިރާގެ އިތުރުން ވިޔަފާރިއާއި، އިގްތިސާދީ ދާއިރާއިން ތަފާތު ތަޖުރިބާތައް ކުރެވިގެންދާނެ އެކްޕޯއަކަށް ވާއިރު، މި އެކްސްޕޯ އޮންނާނީ، 1 އޮކްޓޫބަރު 2021 އިން 31 މާރިޗް 2022 ގެ ނިޔަލަށެވެ.