ސަލާން ޖަހަން އައި މުސްކުޅި ފިރިހެނަކަށް އެހީނުވުމުން ބޮލީވުޑުގެ ބަތަލާ ޝްރައްދާ ކަޕޫރަށް އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

ޑައިރެކްޓަރ ލަވް ރާންޖަންގެ ފިލުމެއް ކުޅުމަށް ރަންބީރު ކަޕޫރާއި އެކު މުމްބާއީން ބޭރުގައި އުޅުމަށްފަހު މުމްބާއީއަށް އައިސް ރަހުމަތްތެރިންނާއި އެކު މެންދުރުގެ ކެއުމެއް ނިންމާލާފައި ރެސްޓޯރެންޓުން ބޭރަށް ނިކުމެ ކާރަށް އެރުމުގެ ކުރިން ރަހުމަތްތެރިންނަށް ވަދާއީ ސަލާމް ކުރަމުން ދަނިކޮށް ޝްރައްދާ ކައިރިއަށް ސަލާން ޖަހާ މީހަކު އައިސް ހުއްޓޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ.

ސަލާން ޖަހާ މީހާ އައިސް ކައިރީގައި އަތް ދިއްކޮށްގެން އެތައް އިރަކު ހުރިއިރު ވެސް ޝްރައްދާ އެމީހާއާއި ދިމާއަށް ބަލައި ވެސް ނުލައެވެ. އަދި ވީޑިއޯ ނިމޭތަނުން އެމީހާއާއި ދިމާއަށް އެނބުރުމަށް ފަހު އެމީހާއާއި ސަލާމް ކޮށްލައެވެ. އޭގެފަހުން އެ މުސްކުޅި މީހާ އެތަނުން ދާ މަންޒަރު ވެސް މި ވީޑިއޯއިން ދައްކުވައިދެއެވެ.

މި ވީޑިއޯ މީސް މީޑިޔާގައި އާއްމުވާން ފެށުމުން އެތައް ބައެއްގެ ފާޑުކިޔުންތަކާއި ނުރުހުން ޝްރައްދާއަށް ލިބެން ފެށިއެވެ. މިގޮތުން އެންމެންވެގެން ޝްރައްދާގެ މީސް މީޑިޔާ އެކައުންޓްތައް އަންފޮލޯ ކުރުމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.

އެހާވަރަށް ފައިސާ ލިބޭއިރު ވެސް އެ ފަގީރު މުސްކުޅި މީހާއަށް ފައިސާ ފޮއްޗެއް ދިއްކޮށްލަން ނުކެރުނުތާ ކާއެތިކޮޅެއް ވެސް ދޭން ނުކެރުނު ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ޝްރައްދާ ދެކެ ރުޅިއައިސްފައިވާ މީހުންތައް ޝްރައްދާއަކީ އެންމެ ފަގީރު މީހާ ކަމަށް ދަނީ ބުނަމުންނެވެ.