އެމެރިކާގެ މިސޫރީގެ އަވަށެއްގައި މަސައްކަތް ކުރަމުން އައި ހުރިހާ ފުލުހުން އެއްފަހަރާ ފުލުހުންގެ ވަޒީފާ އިން އިސްތިއުފާ ދީފިއެވެ.

2010 ވަނަ އަހަރުގެ ބޯހިމެނުން ދައްކާ ގޮތުގައި 2400 މީހުންގެ އާބާދީއެއް އޭރުއޮތް ކިމްބަލިން ސިޓީގައި މަސައްކަތް ކުރާ ތިން ކޮންސަޓަބަލުންނާއި ސާޖެންޓަކާއި ފުލުހުންގެ ޗީފް މަގާމުން އިސްތިއުފާ ދިނީ ވަޒީފާގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ ވަސީލަތްތައް ނުލިބޭ ކަމަށް ބުނެއެވެ.

އިސްތިއުފާ ދިން ފުލުހުން ބުނާ ގޮތުގައި އެމީހުން ވަޒީފާގެ ޒިންމާތައް އަދާކުރަން ކޮންމެހެން ބޭނުން ކުރަން ޖެހޭ އެތައް ސާމާނެއްގެ ތެރެއިން އެމީހުންގެ އަތުގައި ހުރީ ވަރަށް މަދު އެއްޗެކެވެ. ވަސީލަތްތައް ހޯދަން ތަކުރާރުކޮށް އެދުމުން ވެސް ކަމާބެހޭ އިދާރާތަކުން އެމީހުންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީފައި ނުވާކަމަށް އިސްތިއުފާ ދިން ފުލުހުން ބުނެއެވެ.

އޭގެ އިތުރުން ފުލުހުންގެ މުސާރަ ކުޑަވުމަކީ ވެސް އިސްތިއުފާ ދިން ފުލުހުންގެ ޝަކުވާއެކެވެ.

އިސްތިއުފާ ދިން ފުލުހުން މަސައްކަތް ކުރި އަވަށާއި ކައިރީގައި އޮތް އަވަށެއްގެ ފުލުހުން މިހާރު ވަނީ އިސްތިއުފާ ދިން ފުލުހުންގެ އަވަށުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ފަށާފައެވެ.

އިސްތިއުފާ ދިން ފުލުހުންގެ މަގާމުތަކަށް ފުލުހުން ހޯދަން މިހާރު ވަނީ އިއުލާން ކޮށްފައެވެ. ނަމަވެސް އަލަށް މަގާމުތަކަށް ފުލުހުން ނަގައި އެމީހުންނާއި މަގާމު ހަވާލު ކުރަން އަދި ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ އާބާދީ މަދު ބައެއް އަވަށްތަކުގައި މީގެ ކުރިން ވެސް އެކަށީގެންވާ ވަސީލަތްތައް ނުލިބިގެން ހުރިހާ ފުލުހުން މަގާމުން އިސްތިއުފާ ދީފައި އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު