އިނގިރޭސިވިލާތުގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކުން ކުޑަ ދަރިފުޅުގެ މަސައްކަތުން އާއިލާ ސަލާމަތްކޮށްދީފިއެވެ.

13 އަހަރުގެ މާތިޔު ނަމަކަށްކިޔާ އެ ފިރިހެން ކުއްޖާވަނީ ގޭގައި އަލިފާން ރޯވެގެން އުޅޭކަން ގޭ އެންމެންނަށް އަންގާ އެކަމުން ސަލާމަތް ކޮށްދީފައި އެވެ.

އެއީ ފަތިހުގެ ވަގުތު ކަމުން މަންމަ ސުއި އަދި ބައްޕަ ޑާރެން އޮތީ ނިދާފައި އެވެ. މާތިއު އަށް ހޭލެވުނީ ފަޔާ އެލާމުގެ އަޑަށެވެ. އަދި އޭނާއަށް ހޭލެވުމުން ކަމެއް ގޯސްވެގެން އުޅޭ ހެން ހީވުމުން މަންމަ އާއި ބައްޕަ އަދި އާއިލާގެ އެހެން މީހުން ހޭލެއްވީ އެވެ.

އޭރު ގޭގެ ބޮޑުބައިގައި އޮތީ ދުމެވެ. ދެމީޙުން ހޭލައިގެން ބެލިއިރު އަލިފާން ރޯވެފައި ވަނީ ފާހާނަގައި އެވެ. އެއީ ފާހާނާގައި ބެހެއްޓިފައިހުރި އުއްބައްތިއެއް ދޮރުފޮތީގައި ރޯވެގެން ނެވެ. އެ ފާހާނައިގަ އެއްކޮށް އަލިފާން ރޯވެގެން ސީލިންގަށްވެސް އަލިފާނުގެ އަސަރު ވަނީ ކޮށްފައެވެ.

އެގޮތުން އަލިފާން ނިވުމަށް ފަޔާ ރެސްކިޔުއަށް ގުޅައިގެން ގެނެސް އަލިފާންގަނޑު މުޅިން ވަނީ ކޮންޓްރޯލްކޮށްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވެއެވެ.

މާތިޔުއަށް މިހާރު "ހީރޯ" ގެ ނަމުން ނަން ދެވިފައިވާއިރު އެއީ އެ އާއިލާގައި ހުރި ދެވަނަ ފިރިހެން ދަރިފުޅެވެ. އޭގެ އިތުރުން ހެންރީ އާއި އަލްބީވެސް އުޅެއެވެ. ހެންރީއަކީ އެންމެ ބޮޑު ފިރިހެން ކުއްޖާއެވެ. އަލްބީ އަކީ އެންމެ ކުޑަ އަންހެން ކުއްޖެވެ.