ބޮލީވުޑުގެ ހުނަރުވެރި އެކްޓަރު އަކްޝޭ ކުމާރުގެ މަންމަ އަރޫނާ ބާޓިޔާ މި މަހުގެ އަށް ވަނަ ދުވަހު މަރުވުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ތައުޒިޔާގެ ސިޓީއެއް އަކްޝޭއަށް ފޮނުވައިފިއެވެ.

އަކްޝޭގެ މީސް މީޑިއާ އެކައުންޓްގައި މި ސިޓީ ހިއްސާކޮށް ވަނީ ނަރެންދުރަ މޯދީއަށް ޝުކުރު އަދާ ކޮށްފައެވެ.

ބޮޑުވަޒީރުގެ ސިޓީގައި އަކްޝޭ މަންމަ މަރުވި ދުވަހު އަކްޝޭއާ ވާހަކަ ދެއްކި ކަމަށާއި އިންޑިއަން ސިނަމާގައި ފާއިތުވި އަހަރުތަކުގައި އަކްޝޭ ކޮށްދީފައިވާ މިންނަތް މަސައްކަތަށް ޝުކުރު އަދާކޮށް ތަޢުރީފު ކޮށްފައިވެއެވެ.

އަކްޝޭގެ މައިންބަފައިންގެ ފަރާތުން ލިބިފައިވާ ތަރުބިއްޔަތާއި ރީތި އާދަތައް ފިލުމު އިންޑަސްޓްރީ މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދީފައިވާތީ އެކަމަށްޓަކައި ވެސް ޝުކުރު އަދާ ކޮށްފައިވެއެވެ.

މި ސިޓީގެ ޖަވާބުގައި ނަރެންދުރަ މޯދީއަށް އަކްޝޭ ބުނެލަން ބޭނުން ވަނީ ކީކޭތޯ ''ހިންދުސްތާން ޓައިމްސް'' އިން ކުރި ސުވާލަށް ޖަވާބުދެމުން އަކްޝޭ ބުނެފައިވަނީ އެމީހުންނަކީ އެކްޓަރުން ކަމަށާއި އެކްޓަރުން އެމީހުންގެ އިހުސާސްތައް ވަރަށް ރަނގަޅަށް ހާމަކޮށްދޭން ޖެހޭނެ ކަމަށެވެ.

ނަމަވެސް ސިޓީގައި ގެނެސްފައިވާ ފުން ބަސްތަކުގެ ސަބަބުން އިތުރަށް ބުނާނެ އެއްޗެއް ނޭނގިފައި ހުރި ކަމަށް ވެސް އަކްޝޭ ބުނެފައިވެއެވެ.

ބޮޑުވަޒީރުގެ މި ސިޓީ ދެވަނަ ފަހަރަށް މީސް މީޑިއާގައި ހިއްސާކޮށް އަކްޝޭ ބުނެފައިވަނީ މޯދީގެ ފަރާތުން ތައުޒިޔާގެ ސިޓީއެއް ލިބުން މިއީ ހިތަށް ވަރަށް އަސަރު ކުރުވި ކަމެއް ކަމަށެވެ. މަންމަ މަރުވުމުން އަކްޝޭއަށް ހިތްވަރުދީ ތައުޒިޔާގެ މެސެޖު ކުރި އެންމެންނަށް ވެސް ޝުކުރު އަދާކޮށްފައިވެއެވެ.