ޕާކިސްތާނުގެ ހުޅަނގު އުތުރަށް ކުރި ވިއްސާރާގައި 17 މީހަކު މަރުވެ، ގިނަ ބައެއްގެ ގަތައް ސުންނާފަތި ވެއްޖެއެވެ.

އެގައުމުގެ ފުލުހުންގެ އޮފިސަރެއް ކަމަށްވާ މުހައްމަދު ނަވާޒް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ވިއްސާރާގައި މީހުން ސަލާމަތް ކުރުމުގެ ހަރަކާތްތެރިވަމުން އަންނަ ޓީމުތަކަށް މިހާތަނަށް 11 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. އެމީހުންގެ ހަށިގަނޑުތައް ފެނިފައިވަނީ ވެއްޓިފައިވާ އިމާރާތްތައްފަދަ ތަންތަނުގެ ދަށުން ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންގެ ހަށިގަނޑު ހިމެނޭ ކަމަށެވެ.

މި ވިއްސާރާގައި ތިން ގެއެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކު ވެފައިވާ ކަމަށާއި އިތުރު ގެތަކަށް އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށް ނަވާޒް ވަނީ ބުނެފައެވެ.

މި ހާދިސާގައި މިޙާތަނަށް 17 މީހަކު މަރުވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފައިވާއިރު، އޭގެ ތެރޭގައި ދެމަފިރިންނާއި އެމީހުންގެ ތުއްތު ދަރިފުޅު ވެސް ހިމެނޭ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ޕާކިސްތާނުގެ ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ބުނެފައިވަނީ ހާދިސާގައި ގެއްލުންވި މީހުންނަށް އެހީތެރިވުމުގެ ކަންކަން ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އެހީތައް ލަސްވެގެން އަންނަނީ އުސް ފަރުބަދަތައް ހުރި ސަރަހައްދުން ޗަކަފެން ފައިބަމުން އަންނާތީ ކަމަށެވެ.

ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކުގައި ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާ ހިނގާފައިވާއިރު، ސެޕްޓެމްބަރު މަހަކީ އާއްމުކޮށް އެގައުމަށް ވިއްސާރަ ދުވަސްކޮޅެއް ކަމަށް އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މިހާރު ދިމާވެފައިވާ ކަހަލަ ހާދިސާތަކަކީ މަދުން ދިމާވާ ހާދިސާ ކަމަށް ވެސް އިދާރާތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު