ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދްކޯން އަކީ އާދަޔާ ހިލާފަށް ގިނައިން ކާ މީހެއް ކަމަށާއި، ކޮންމެ 3 މިނެޓަކުން ދީޕިކާ ކާނެ ކަމަށް ބުނެ ސޮނީ ޓީވީގެ ކޯން ބަނަގޭ ކަރޯޑްޕަތީ (ކޭބީސީ) 13 ގައި އަމީތާބް ބައްޗަން ބުނެފިއެވެ.

ހުކުރު ދުވަހުގެ ރޭގެ އެޕިސޯޑްގައި ދީޕިކާއާ އެކު، އޭނާ ބޮލީވުޑަށް ނެރެދިން ޑައިރެކްޓަރު ފަރާ ޚާން ވެސް ބައިވެރިވިއެވެ. ޝޯގެ މެހުމާނުންގެ ގޮތުގައި އެ ދެ މީހުން ބައިވެރިވި އެޕިސޯޑްގައި އަމީތާބް ބުނީ ދީޕިކާ އަކީ ވަރަށް ގިނައިން ކާ މީހެއް ކަމަށެވެ. އަދި އޭނާއާ އެކީ ދެ ފިލްމެއްގައި މަސައްކަތްކުރެވިފައި އޮތުމުން އެކަން ވަރަށް ބޮޑަށް ފާހަގަކުރެވުނުކަމަށް ބުނެ އަމީތާބް ބުނީ އާންމު މީހުން ދުވާލަކު ތިންއިރު ކާ އުސޫލުން ދީޕިކާ ކަނީ ކޮންމެ ތިން މިނެޓަކުން އެއްފަހަރު ކަމަށެވެ.

އަމީތާބުގެ މި ވާހަކައިން ފަރާ ހައިރާންވެ މި ވާހަކަ އަކީ ކިހާވަރެއްގެ ތެދެއްތޯ ބެލުމަށް ދީޕިކާ އާއި ސުވާލު ކޮށްފައިވެއެވެ. މި ވާހަކަތައް ދެކެެވެމުންދިޔަ އިރު ދީޕިކާ ހިނިތުންވެލައިގެން އިނީ އެ ވާހަކަ ދޮގުކުރަން ބޭނުން ނުވެފައިއިން ފަދަ ގޮތަކަށެވެ.

އަމީތާބް ބުނީ އަވަސް އަވަހަށް ކާތަކެތި ހިފައިގެން ދީޕިކާ އަންނަ މަންޒަރާއި، ކޮންމެ ތިން މިނިޓަކުން ދީޕިކާ ކާން އިންނަ މަންޒަރު އޭނާއަށް އެކުގައި މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު ފެނުނު ކަމަށެވެ. ނަމަވެސް، އެވަރަށް ކާއިރު ވެސް ދުވަހަކު ކާނަންތޯ ނުވަތަ ކާން ބޭނުންތޯ ސުވާލުވެސް ނުކުރާކަމަށް އަމީތާބް ބުނެފައިވެއެވެ.

މި އެޕިސޯޑުގެ ތެރެއިން ދެކެވުނު މަޖާ ވާހަކަތަކުގެ އިތުރުން ދިރިއުޅުމުގެ ބައެއް ކަންކަމުގެ ވާހަކަވެސް މި ފަންނާނުން ހިއްސާކުރިއެވެ. އެގޮތުން، ދީޕިކާ އޭނާ ޑިޕްރެޝަން ހުންނަ ވާހަކައާއި، އިތުރަށް ދުނިޔޭގައި ހުންނަން ބޭނުންނުވުމާއި، ދުނިޔޭގައި އުޅުމުގެ އެއްވެސް މާނައެއް ނެތްކަން އިހުސާސްވާ ދުވަސްތައްވެސް އަންނަކަން ހާމަކޮށްފައިވެއެވެ.