ދުނިޔޭގައި ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން އެތައް ބަޔަކު މި ބައްޔަށް ފައްސިވެ އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިގެން ގޮސްފައެވެ. އަދި ބައްޔަށް ފައްސިވާ މީހުންގެ އިންސައްތަ ދުވަހުން ދުވަހަށް އިތުރުވާއިރު ބަލިން ދިފާއުވުމަށް މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ.

ކޮވިޑް ފަދަ ބަލިތައް، އަދި އެހެނިހެންވެސް ބަލިތަކުން ރައްކާތެރިވުމަށް ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި ކަސްރަތުކުރުމަށް ސިއްހީ މާހިރުން އަބަދުވެސް އިލްތިމާސް ކުރެއެވެ. ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ބައެއް ކާނާ ހުންނައިރު ކެއުމުގައި އަބަދުވެސް އެފަދަ ތަކެތި ބޭނުންކުރުމަކީ އެންމެ ފައިދާ ބޮޑު ގޮތެވެ.

މި ބަލާލަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ބައެއް ކާނާއަށެވެ. އެގޮތުން އެންޓިއޮކްސިޑެންޓް، ވިޓަމިންސް އާއި މިނެރަލްސް ގިނައިން ލިބޭ ކާނާ ކެއުން މުހިންމެވެ. އަދި ތައްޔާރީ ކާނާތަކުގެ ތެރެއިން ގިނައިން ހަކުރު ހިމެނޭ ކާތަކެއްޗާއި ތެޔޮ ހިމެނޭ ތަކެއްޗާއި ދުރުވާން ޖެހެއެވެ.

އޮރެންޖް

އޮރަންޖަކީ ސިޓްރަސް މޭވާތަކުގެ ތެރޭގައި ހިމެނޭ މޭވާއެކެވެ. އޮރެންޖުގައި ވިޓަމިން ސީ ގިނަ ޢަދަދަކަށް ހިމެނޭއިރު މިއީ ހަށިގަނޑުގެ ދިފާއީ ނިޒާކު ވަރުގަދަކުރުމަށް މުހިންމު ރޯލެއް ކުޅޭ އެއް ބާވަތެވެ. އާދައިގެ އެންމެ އޮރެންޖަކުން 68 މިލިގްރާމް ވިޓަމިން ސީ ލިބެއެވެ. އޮރެންޖު ކެއުމަށް އެންމެ އެދެވިގެން ވަނީ ހެނދުނުގެ ނާސްތާގައި އާއި މެންދުރުގެ ކެއުމުގައި އެވެ.

ލޮނުމެދު

ލޮނުމެދަކީ ވަސްގަދަ އެއްޗެކެވެ. ބައެއް ފަރާތްތަކުން ކެއުމުގައި ވަރަށް ގިނައިން ލޮނުމެދު ބޭނުންކުރާއިރު އަނެއްބައި ފަރާތްތަކުން އެއްވެސް ގޮތަކަށް ލޮނުމެދު ބޭނުންނުކުރެއެވެ. މިއީ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް މުހިންމު އެއް ބާވަތެވެ.

އިނގުރު

އިނގުރަކީ ޒަމާނުއްސުރެ ކެއުމުގައި އިންސާނުން ބޭނުންކުރާ ބާވަތެކެވެ. ސަޔަށް އަޅައިގެންނާއި ކެއުންތައް ތައްޔާރުކުރާއިރު ރަހަ މީރުކުރަން އިނގުރު ބޭނުންކުރާއިރު ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށްވެސް އިނގުރު ބޮޑު ރޯލެއް އަދާކުރެއެވެ. އިނގުރުގައި ހިމެނޭ އެންޓިއޮކްސިޑެންޓްގެ ސަބަބުން ހަށިގަނޑުގެ ބޭރުން ގެއްލުންދޭ ބެކްޓީރިޔާތަކާއި ހަނގުރާމަކުރެއެވެ.

 

ޓޮމާޓޯ

ޓޮމާޓޯ އަކީ ހިތުގެ ބަލިތަކުން ސަލާމަތް ވުމަށްވެސް ކާން ރަނގަޅު ތަރުކާރީގެ ބާވަތެކެވެ. ވިޓަމިން ސީ، ވިޓަމިން އޭ އަދި ލައިކޮޕިންވެސް ޓޮމާޓޯއިން ލިބެއެވެ. ލައިކޮޕިން އަކީ ކެންސަރުން ރައްކާތެރިކުރުމަށްވެސް ބޮޑު ރޯލެއް އަދާކުރާ އެންޓިއޮކްސިޑެންޓުގެ ބާވަތެކެވެ.