ވިޔަފާރިއެއް ފެށިތާ އެއް ދުވަސްތެރޭ ފްލޮރިޑާގެ ދެމަފިރިއަކަށް އެއް މިލިއަން އެމެރިކާ ޑޮލަރު ލިބިއްޖެއެވެ.

އުމުރުން 46 އަހަރުގެ ބްރައިން ވޫޑުލް ނަމަކަށް ކިޔާ އެ ފިރިހެން މީހާއަށް އެއް މިލިއަން ޑޯލަރު ލިބިފައިވަނީ ފަސް ޑޮލަރުގެ ސްކްރެޗް އޮފް ޓިކެޓަރުންނެވެ. އެއީ އޭނާ ކަލަހާންގައި ހުންނަ ސާކަލް ކޭއިން ހޯދާފައިވާ ޓިކެޓެއް ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ.

އެދެމަފިރިން އާމްދަނީ ހޯދުމުގެ ގޮތުން ފަށާފައިވަނީ ކާރު މަރާމާތު ކުރާ ގަރާޖެކެވެ.

"ވެހިކަލްތައް މަރާމާތު ކުރާ ތަނެއް ހުޅުވުމަކީ އަބަދުވެސް ކުރަން ބޭނުން ވެފައި އޮތް ކަމެއް. ފުރަތަމަ ދުވަހު މަސައްކަތް ނިންމައި ސާކަލް ކޭއަށް މަޑު ކުރީ އެތަނުން ބައެއް ތަކެތި ގަންނަން ވެގެން. ދެން ހިތަށް އެރީ ލޮޓަރީ ޓިކެޓެއް ގަންނާނީއޭ. އެގޮތަށް މިލިއަން ޑޮލަރު ލިބުނީ" ފްލްރިޑާގެ ލޮޓަރީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

އެ ނޫހުން ބުނެފައިވާ ގޮތުގައި ޓިކެޓުން އޭނާއަށް ލިބިފައިވަނީ 888،000 އެމެރިކާ ޑޮލަރުވެ. ޓިކެޓު އޭނާއަށް ވިއްކާފައިވާ ސާކަލް ކޭ ސްޓޯރަށް އެ ޓިކެޓު ވިއްކީތީ 2،000 ޑޮލަރު ލިބޭނެ ކަމަށް ވެސް ނޫހުން ވަނީ ބުނެފައެވެ.

ފްލޮރިޑާގެ އިތުރުން ބޭރުގެ ގިނަ ގައުމުތަކުގައި ބައެއް ފަރާތްތަކުން މިފަދަ ޓިކެޓު ގަނެގެން މުއްސަނދިވެފައިވެއެވެ. މިފަދަ ޓިކެޓުތައް ގިނައިން ގަންނަނީ އަތްމަތި ދަތި ދިރިއުޅުމުގެ ހާލަތު ދަށް ފަރާތްތަކުންކަން ފާހަގަ ކޮށްލެވެއެވެ.