އެމެރިކާގެ ޗިކާގޯ ރައްޔިތެއް ކަމުގައިވާ އުމުރުން 37 އަހަރުގެ ފެލޮން ހެރިސް ނަމަކަށް ކިޔާ މީހަކު، އޭނާ ގެންގުޅޭ މެމޮރީ ކާޑު ގެއްލުމުން، 12 އަހަރުގެ ދަރިފުޅުގެ ބޮލަށް ބަޑި ޖަހައި މަރައިލައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު ފެލޮންގެ އެސްޑީ މެމޮރީ ކާޑު ގެއްލުމުން، އޭގެ ކުރިން ރޭ އެ ކާޑު ނެގީ ކަމަށް ބުނެ އޭނާގެ 12 އަހަރުގެ ދަރިފުޅު، ކެޑެން އިންގުރާމް ކުށްވެރި ކުރިއެވެ.

އަދި އެ މެމޮރީ ކާޑު ދިނުމަށް ދަރިފުޅު ގާތު އެދުނީ އޭނާގެ ބޮލުގައި ބަޑި ޖައްސާފައެވެ. އެތައް ފަހަރަކު މެމޮރީ ކާޑު ދިނުމަށް ބުނުމުން ވެސް ކެޑެން އެ މެމޮރީ ކާޑު ނުދެއެވެ. އެކަމުގެ ސަބަބުން އައި ރުޅީގައި ދަރިފުޅު ކެޑެންގެ ބޮލަށް ފެލޮން ވަނީ އެތައް ވަޒަނެއް އަމާޒު ކޮށްފައި ކަމަށް ކޯޓުގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ.

އެންމެ ފުރަތަމަ ދަރިފުޅުގެ ބޮލަށް ބަޑި ޖެހި އަޑު ރިކޯޑު ކުރެވިފައިވާ ކަމަށާއި ދެވަނަ ފަހަރަށް ބަޑި ޖެހުމުގެ ކުރިން އައި ފޯނު ކޯލަކަށް ފެލޮން ޖަވާބު ދިން ކަމަށް ވެސް ކޯޓުން ބުނެފައިވެއެވެ.

ފޯނުން ވާހަކަ ދައްކައި ނިމުމަށްފަހު ދެވަނަ ފަހަރަށް ކެޑެންގެ ބޮލަށް ބަޑިޖެހިއެވެ. އޭރު ވެސް ކެޑެން ރޮމުން ރޮމުން އެ ކާޑު ވީ ތަނެއް އޭނާއަށް ނޭނގޭ ކަމަށް ބުނަމުން ދިޔައެވެ.

ކެޑެން މަރުވެފައި އޮއްވާ ފެނުނީ ބަދިގެ ތެރެއިންނެވެ. ކެޑެންގެ ބައްޕަ މިކަމާއި ބެހޭގޮތުން ބުނެފައިވަނީ ފެލޮން ކެޑެން ދެކެ ވަރަށް ލޯބިވާ ކަމަށާއި، ނަމަވެސް ނަފުސާނީ ބަލިތަކަކީ އެންމެން ވެސް ގަބޫލު ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ފެލޮންއަށް ވަނީ ގަސްދުގައި މީހަކު މަރައިލި ކަމުގެ ތުހުމަތު ކުރެވި ހައްޔަރު ކުރެވިފައި ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާދަމް

    އެމެރިކާ މީހަކު ނުވަތަ ހުޅަނގުގެ މީހަކު އިންސާނަކު ޙައްޤަކާ ނުލައި މަރައިފިނަމަ ޓެރަރިސްޓަކަށް ނުވި. އެވީ ނަފްސާނީ ބަލި ހުރި މީހަކަށް.
    އެހެނަސް އެމެރިކާނުން މެދުއިރުމައްޗާ އެކިއެކި ޤައުމުތަކަށް އަރާ، އެ ޤައުމުތަށް ނުޙައްޤުން އިސްތިޢުމާރުކޮށް، ތަންތަން ސުންނާފަތިކޮށް، ކުށެއް ނެތް އެތައް ބަޔަކު މަރާ ލޭއޮހޮރުވާ މަރަމުން ދާއިރު އެމީހުން ނުވޭ ޓެރަރިސްޓުންނަކަށް. އެއީ އެމީހުންނަށް ޙައްޤު ކަމެއް. ލޭބަލް ކުރަނީ "ސުލްޙަ ޤާއިމްކުރަން". އަޅެ ފަހެ މީހަކު އަޖައިބެއް ނުވާނެތަ؟
    އެކަމަކު ވެސް ޑިމޮކްރަސީގެ ބައްޕަ. އިންސާނީ ޙައްޤުތަކުގެ ބައްޕަ. އެބުނާ އަންހެނުންގެ ޙައްޤުތަކާ ކުޑަކުދިންގެ ޙައްޤުތަކުގެވެސް ބައްޕަ.
    ދެން އަހަރުމެން ވެސް މިތިބެނީ އެމީހުން ދިން އެއްޗެއް ކައިގެން ދިން އެއްޗެއް ބޮއިގެން އެމީހުންނަށް ބުނިއްޔާ ބުނިގޮތެއް ހަދައިގެން. ހުންގާނުގެ ސަމުގާ އޮތީ އެމީހުން އަތުގާ. ދެން ބޭނުން އެއްޗެއް އަހަރުމެން ދިވެހިންނަށް ވެސް ހަދަމުން ދަނީ.....
    އަޅެ ފަހެ މިއީ ދޮގެއްތޯ؟

    12
    1