މީގެ 11 އަހަރު ކުރިން ފިލުމު ''ދުލާ މިލް ގަޔާ'' އަށް ފަހު އިންޑަސްޓްރީއަށް ގެއްލިފައިވާ ފަރުދީން ޚާން ހަށިގަނޑަށް ބޮޑު ބަދަލަކާއި އެކު އިންޑަސްޓްރީއަށް އެނބުރި އަތުވެއްޖެއެވެ.

ޑައިރެކްޓަރ ސަންޖޭ ގުޕްތާ ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާގެ ފިލުމު ''ވިސްފޮޓް'' އިން ފަރުދީން ޚާން ފެންނާނެ ކަމަށެވެ.

''އަހަރެންގެ ވަރަށް މުހިންމު ޕްރޮޖެކްޓަކަށް ފަރުދީން ޚާނާއި ރިތޭޝް ދޭޝްމުކް އެކުގައި ފެންނިގެންދާނެ. އަހަރެން މިހުރީ އެކަމާ ވަރަށް އުފަލުން. އަހަރެންނާއި އަހަރެންގެ ޓީމަކީ ކުރާ މަސައްކަތްތައް އެންމެ ފުރިހަމައަށް ގެނެސްދިނުމަށް އެތައް ދަލެއް އޮހޮރުވައިގެން މަސައްކަތް ކުރާ ބައެއް. އެެހެންވީމާ މި ފިލުމު ވެސް ވަރަށް ފުރިހަމަވާނެ. މި ފިލުމުގެ މަސައްކަތް ކުރާތާ ދުވަސްކޮޅެއް ވެއްޖެ. މި ފިލުމުގެ މަސައްކަތް މި މަހުގެ ފަހުކޮޅު ފެށޭނެ'' ޑައިރެކްޓަރ ސަންޖޭ ގުޕްތާ ބުނެފައިވެއެވެ.

މި ފިލުމުގައި ފަރުދީންއާއި ރިތޭޝް ފެނިގެންދާނީ ވަރަށް ތަފާތު ދެ ރޯލަކުންނެވެ. ފަރުދީންއާއި ރިތޭޝް އެންމެ ފަހު އެކުގައި ފެނިފައިވަނީ ފިލުމު ''ހެއި ބޭބީ'' އިންނެވެ.

އިންޑަސްޓްރީއާއި ދުރަށް ދިޔުމަށް ފަހު ކެމެރާގެ ލޯތަކަށް ވެސް ގެއްލިފައިވާ ފަރުދީން އަހަރުތަކެއް ފަހުން ފެނުނު އިރު ވަނީ ވަރަށް ބޮޑަށް ފަލަވެފައެވެ.

ނަމަވެސް އޭގެފަހުން އަނެއްކާ ވެސް ކެމެރާގެ ލޯތަކަށް ގެއްލުމަށް ފަހު ދެން ފެނުނު އިރު ފަރުދީން ވަނީ ހަށިގަނޑުގެ ބަރުދަން ލުއިކޮށްލާ ފިޓްވެފައެވެ. އޭގެފަހުން އެނބުރި އިންޑަސްޓްރީއަށް އަންނަ ކަމުގެ އިޝާރާތެއް ދީފައިވީ ނަމަވެސް އެކަމުގެ ޚަބަރުތަކެއް ނުވެ އެތައް މަހެއް ފާއިތުވުމަށް ފަހު ފިލުމު ''ވިސްފޮޓް'' ގެ މަސައްކަތް ފެށިއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު