މި އަހަރު އަލަށް ފެށި ބިގް ބޮސް އޯޓީޓީ އަކީ 24 ގަޑިއިރު އާއްމުންނަށް ޝޯގެ ބައިވެރިން ފެންނަހެން ކުރިއަށް ދާ ޕްރޮގްރާމެކެވެ. ބިގްބޮސް އަކީ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މަޝްހޫރު މީހުން އެއް ގެއަކަށް ގެނެސް، އެ ގޭގައި ތަފާތު ކުޅިވަރުތަކާއި، ހަރަކާތްތަކުގައި ބައިވެރިވާ ޝޯއެކެވެ. މި ޝޯ ކުރިއަށް ދަނީ ކޮންމެ ހަފްތާ އަކު މަދުވެގެން އެކަކު ޝޯ އިން ބޭރުކުރާ ގޮތަށެވެ. ޝޯ އިން ވަކިވާ މީހަކު ނިންމަނީ އާއްމުންގެ ވޯޓުންނެވެ. ބިގްބޮސް ގޭގައި ހަވާލުކުރާ ޓާސްކުތައް ފުރިހަމަކޮށްގެން ޝޯގައި ދެމި ތިބުމުގެ ފުރުސަތު ހޯދެއެވެ.

ބިގް ބޮސް އޯޓީޓީގެ މިފަހަރު އެންމެ މަޝްހޫރު އެއް ބައިވެރިޔަކީ ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ކޮއްކޮ އަދި ބަތަލާ ޝަމީތާ ޝެޓީއެވެ. މި ހަފްތާގައި ބިގްބޮސްގެ ގެއަށް ބައިވެރިންގެ އާއިލާ އާއި ރަހުމަތްތެރިންގެ ތެރެއިން އެކަކު ވަނީ ގެނެސްފައެވެ. ޝަމީތާ އާއި ބައްދަލު ކުރަން އައީ އޭނާގެ މަންމައެވެ.

މި ޝޯ އަށް ޝަމީތާގެ މަންމަ ސުނަންދާ ޝެޓީ އައި އިރު އޭނާ ހެދުން އަޅާފައި ހުރީ އިންޑިއާގެ ސަގާފީ ގޮތަށް، ސާރީއެއްގައެވެ. އަދި އިސްތަށިގަނޑު ހުޅިއަކަށްވާ ގޮތަށް އެއްސުމަށް ފަހު އޭގެ ވަށައިގެން ހުވަނދުމާ ހަރުކޮށްފައި ހުއްޓެވެ. ސުންނަދާ އަކީ ކިތަންމެ މުއްސަނދި މީހެއް ވިޔަސް އޭނާގެ ސާދާކަމާއި އިންޑިއާގެ ސަގާފަތަށް އޮތް ލޯބި ހާމަވި ކަމަށް އާއްމުން ވަނީ އެކަމަށް އިޝާރާތްކޮށް މީސްމީޑިއާގައި ބުނެފައެވެ.

ޝަމީތާގެ މަންމަ ބިގްބޮސް އަށް ދިއުމަށް ފަހު އަމަލު ކުރި ގޮތް ގޭގެ ބައިވެރިންނަށް ވެސް ވަރަށް ކަމުދިޔައެވެ. ޝަމީތާގެ މަންމަ ވަނީ ގޭގައި އެންމެ ބޮޑަށް ޝަމީތާ އަށް އެހީވާ ލަވަކިޔުންތެރިޔާ ނޭހާ ބަސީން އަށް ތައުރީފްކޮށްފައެވެ. އަދި އެކަހަލަ އެކުވެރިޔަކު ލިބޭނީ މަދު މީހަކަށް ކަމަށް ވެސް އޭނާ ބުންޏެވެ.

ޝޯގެ ބައިވެރިންގެ ތެރެއިން މިފަހަރު ބައިވެރިންގެ ފަރާތުން އެންމެ ބޮޑު ފާޑު ކިޔުމެއް އަމާޒުވަނީ އެކްޓަރ އަދި މޮޑެލް ރާކޭޝް ބާބަޓް އަށެވެ. ޝޯގައި ޝަމީތާ އާއި ރާކޭޝް އާއި ދެ މީހުން ވަނީ އެކަކު އަނެކަކު ކަމުދާކަން ހާމަކޮށްފައެވެ. ޝޯ ފެށުނު އިރު ޝޯ ކުރިއަށް ދިޔައި ޖޯޑުތަކަކަށް ކަމަށް ވާއިރު ޝަމީތާގެ ބައިވެރިޔަކީ ރާކޭޝްއެވެ.

އޭރު ރާކޭޝް އަށް ޝަމީތާ ނުފޫޒު ފޯރުވާ ކަމަށާއި، އޭނާ ޝަމީތާ ދެކެ ބިރު ގަންނަ ކަމަށް އަދި އޭނާ އަކީ ފިނޑިއެއް ކަމަށް ބައިވެރިން އައީ ބުނަމުންނެވެ. ގިނަ ބައިވެރިންނާއި ޚިލާފަށް ރާކޭޝް ފެންނަނީ މަޑުމައިތިރި އަދި ކެތްތެރި މީހެއްގެ ގޮތުގައެވެ. އެކަމަށް އިޝާރާތްކޮށް ޝަމީތާގެ މަންމަ ވަނީ ހަޅޭއް ނުލަވާވެސް ޚިޔާލުފާޅު ކުރެވޭނެ ކަމަށާއި ރާކޭޝް އަކީ ނަމޫނާ އެއް ކަމަށް ބުނެފައެވެ.

ދަމުން ޝިލްޕާގެ މަންމަ ވަނީ ޝޯގައި ޝަމީތާ އާއި އެންމެ ބޮޑަށް ދިމާކުރި ދިވްޔާ ގޭމް ކުޅެން ވަރަށް މޮޅުކަމަށް ބުނެފައެވެ. މި ވަގުތަކީ ޝިލްޕާގެ ފިރިމީހާ ރާޖް އޮރިޔާން ފިލްމު އުފެއްދިކަމުގެ ތުހުމަތު ކުރެވުމާއި، ޝިލްޕާ އާއި ސުނަންދާ އަށް މަނީ ލައުންޑަރ ކުރުމުގެ ތުހުމަތު ކުރާ ދަނޑިވަޅަކަށް ވުމުން ދަރި އަށްޓަކާ މީހުންގެ ފާޑުކިޔުމަށް ނުބަލާ އެފަދަ ޝޯ އަކަށް ދިއުމުން މީހުން ވަނީ ތައުރީފުކޮށްފައެވެ. އަދި އޭނާ އަކީ ކިހާ ހިއްވަރު ގަދަ މީހެއްކަން ހާމަވާ ކަމަށް ވެސް އާއްމުން ވަނީ ބުނެފައެވެ.