ޑިސްކަވަރީ އެޑްވެންޗަރ ޝޯއެއް ކަމުގައިވާ ''އިން ޓު ދަ ވައިލްޑް ވިތު ބެއާ ގްރިލްސް''ގެ ބައެއް އެޕިސޯޑުތަކުގެ ޝޫޓިންގް ރާއްޖޭގައި ކުރިޔަށް ގެންދަން ނިންމާފައިވާއިރު، އެ އެޕިސޯޑުތަކުން ފެނިގެންދާނީ ބޮލީވުޑްގެ ކުޅަދާނަ ފިލްމީތަރި އަޖޭ ދޭވްގަން އާއި ވިކީ ކައުޝަލް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ސެޕްޓެމްބަރު މަހުގެ 17ވަނަ ދުވަހު ވ.އަތޮޅުގެ ޝިޕްވްރެކް ސަރަހައްދުގައި މި ރިއަލިޓީ ޝޯގެ އެޕިސޯޑެއްގެ ޝޫޓިންގް ކުރިޔަށް ގެންދަން ފެލިދު އަތޮޅުގެ އަތޮޅު ކައުންސިލުން ހުއްދަ ދީފައިވާ ކަމަށް އެ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ. އެ ހުއްދަ ދީފައިވާކަން އާންމުންނަށް އަންގައި އަތޮޅު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެ ސަރަހައްދުގައި ޝޫޓިންގް ކުރިއަށް ގެންދިއުމަށް ހުއްދަ ދެވިފައިވަނީ މިމަހުގެ 17 ވާ ހުކުރު ދުވަހު ކަމަށެވެ.

އެހެންކަމުން ވ.އަތޮޅު ޝިޕްވްރެކް ސަރަހައްދު އެދުވަހު ބޭނުންކުރުން އެހެން ފަރާތްތަކަށް މަނާކުރެވިފައިވާ ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ވ. އަތޮޅުގެ ފުލުހުން ހަރަކާތްތެރިވަމުން ދާނެ ކަމަށެވެ.

މި އެޕިސޯޑުގެ ޝޫޓިންގްއަށް ތައްޔާރުވެގެން އަޖޭ ވަނީ މިހާރު ރާއްޖެ އައިސްފައެވެ. ފިލްމީ އިންޑަސްޓްރީގައި ވިކީ ނުވަ އަހަރު ހޭދަކޮށްފައިވާއިރު، ބެއާ ގްރީލްސްގެ ޝޯގައި އޭނާ ބައިވެރިވާނެކަން ހާމަކޮށް ޑިސްކަވަ އިންޑިއާ އިން ބުނީ އޭގެ ޝޫޓިން އަށް މިހާރު ތައްޔާރުވެފައިވާ ކަމަށާއި އަޖޭ އާއި ވިކީ ޖެހިލުންކުޑަ އެތައް ކަމެއް މީގައި ކުރާ ތަން ފެނިގެން ދާނެ ކަމަށެވެ.

2012ވަނަ އަހަރު ވިކީގެ ފިލްމީ ހަޔާތް ފަށާފައިވާއިރު، 'ރާޒީ'، 'ސާންޖު'، 'ބޫތު-ޕާޓް ވަން: ދަ ހޯންޓެޑް ޝިޕް' ފަދަ ފިލްމުތަކުން ވިކީ ފެނިގެން ގޮސްފައިވެއެވެ. މީގެ އިތުރުން އޭނާގެ އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމަކީ އިންޑިއާގެ މިނިވަން ކަމަށް މަސައްކަތްކުރި ޝަހުސިއްޔަތެއް ކަމަށްވާ އުދަމް ސިންގްގެ ބައޮގްރަފިކަލް ޑްރާމާ 'ސަރުދާރު އުދަމް ސިންގް' އެވެ. އެ ފިލްމު އަންނަ މަހުގެ 16 ގައި ރިލީޒްކުރާނެ ކަމަށް ރިޕޯޓުތައް ބުނެެއެވެ.

އަޖޭ އާއި ވިކީ އެކީގައި ފެންނާނެ "އިން ޓު ދަ ވައިލްޑް" ގެ އެޕިސޯޑް ބެލުންތެރިންނަށް އެންމެ ފުރަތަމަ ގެނެސްދޭން ހަމަޖެހިފައި ވަނީ ޑިސްކަވަރީ ޕްލަސް އެޕުންނެވެ. އެކަމަކު އަދި ތާރީހެއް ނެތެވެ.