ބިލް ގޭޓްސް އާއި މެލިންޑާ ގޭޓްސްގެ އެންމެ ދޮށީ އަންހެން ދަރިފުޅު ޖެނިފާ ގޭޓްސް ކުވޭތުގެ މުސްލިމެއް ކަމަށްވާ ނަޔެލް ނާސާއާއި ކައިވެނި ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އެބަގެންދެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޖެނިފާގެ ބްރައިޑަލް ޝަވާ މިހަފްތާގައި ވަނީ ބާއްވާފައެވެ. ބްރައިޑަލް ޝަވާ ބާއްވާފައި ވަނީ ބިލް ގޭޓްސް އާއި މެލިންޑާ އެންމެ ގިނަ ދުވަހު ދިރިއުޅުނު 125 މިލިއަން ޑޮލަރުގެ އަގުހުރި ގޭގައެވެ. މި ޕާޓީގައި އިސްކޮށް ހުރީ ޖެނިފާގެ މަންމަ މެލިންޑާއެވެ. މިއީ މެލިންޑާ އާއި ބިލް ގޭޓްސްގެ ކައިވެނި ރޫޅުނު ފަހުން އެއާއިލާ އިން މިހާތަނަށް ބޭއްވި އެންމެ ބޮޑު ހަފްލާއެވެ.

ޖެނިފާގެ ބްރައިޑަލް ޝަވާގައި އޭނާގެ ވަރަށް ގާތް ރަހުމަތްތެރިންނާއި އާއިލާގެ ގިނަ މެންބަރުންތަކެއް ބައިވެރިވިއެވެ.

އުމުރުން 25 އަހަރުގެ ޖެނިފާ އަކީ ޑޮކްޓަރުކަން ކިޔަވަމުން އަންނަ ދަރިވަރެކެވެ. އޭނާގެ ވާން އުޅޭ ފިރިމީހާ ނަޔެލް ވެސް ވަނީ އެމެރިކާގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައެވެ. ނަޔަލް އަކީ އަސްދުއްވުންތެރިއެކެވެ. އޭނާ އަންނަނީ އުމުރުން 10 އަހަރުން ފެށިގެން އަސް ދުއްވުމުގެ މުބާރާތްތަކުގައި ބައިވެރިވަމުންނެވެ. ޖެނިފާ އަކީ ވެސް އަސް ދުއްވުމަށް ޝައުގުވެރިކަމެއް ހުންނަ މީހެކެވެ.

ބިލް ގޭޓްސް އާއި މެލިންޑާ ވަރިވިއިރު ދެމީހުންގެ މިލްކިއްޔާތުގައި ހުރި ގެދޮރުގެ އަގު ވެސް 130 ބިލިއަން ޑޮލަރަށް އަރާކަމަށް ވެއެވެ. އޭގެތެރެއިން 65 ބިލިއަން ޑޮލަރުގެ ތަންތަން ބިލް ގޭޓްސް ވަނީ މެލިންޑާއަށް ދީފައެވެ. ނަމަވެސް އޭގެތެރޭގައި ބްރައިޑަލް ޝަވާ ބޭއްވި ގެއެއް ނުހިމެނެއެވެ. އެގެ އަދިވެސް ހުރީ ބިލް ގޭޓްސްގެ އިމާރާތެއްގެ ގޮތުގައެވެ.