ދެމީހަކު ލޯބިން އުޅެން ފަށަނީ އުފާވެރި ހަޔާތެއް ފެށުމަށެވެ. އެކުގައި ލޯބިން އުފާވެރި ހަޔާތެއް އުޅުމަށެވެ. ނަމަވެސް ރައްޓެހިވެގެން އުޅެ ދުވަސްކޮޅަކަށް ފަހު އެ ގުޅުން ނިމުމަކަށް އާދެއެވެ. އޭގެފަހުން ކުރަންޖެހޭ ހިތާމަ ވަރަށް ބޮޑެވެ.

އެހެންކަމުން ލޯބީގެ ގޮތުން މީހަކާއި ގުޅުމަށް ފަހު ވެސް އެމީހާގެ ފަރާތުން މި ކަންތައްތައް ފެންނަ ނަމަ ގުޅުމާއި މެދު އަދި އެއްފަހަރު ވިސްނާލާށެވެ. ނުވަތަ އެމީހަކާއި ދުރަށްދާށެވެ.

ގުޅުމަށް ނަމެއް ނުދެވުން

އެތައް މަސް ދުވަހެއް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު ތިބާއަކީ އޭނާގެ ހަޔާތުގެ ބައިވެރިއެއްކަން ނުވަތަ ތިބާއަކީ އޭނާގެ ލޯބިވެރިޔާކަން އެހެން މީހުންނަށް ނާންގާ ނަމަ އޭނާއާއި އެކީ އުޅުމަށް އަދި އެއްފަހަރު ވިސްނާލާށެވެ.

މީސް މީޑިޔާއިން ބާކީކޮށްލުން

ރައްޓެހިވެގެން އުޅޭ ފުރަތަމަ ދުވަސްކޮޅު މީސް މީޑިޔާގައި އެކަކު އަނެކަކަށް މީމްސް ޓެގްކޮށް، ލައިކް ދީ، ކޮމެންޓްކޮށް އެކުގައި ފޮޓޯ އަޕްލޯޑްކޮށް ހެދުމަށް ފަހު ދުވަސްކޮޅަކުން އެކަން ހުއްޓާލާ މީސް މީޑިޔާގައި ތިބާ ބާކީ ކޮށްލާނަމަ ތި ގުޅުމާއި މެދު ވިސްނާލާށެވެ.

އެކުގައި ވަގުތު ހޭދަކުރުން މަދުވުން

ފުރަތަމަ ދުވަސްކޮޅު އަމިއްލައަށް އިސްނަގައިގެން ''ޑޭޓްސް'' ތަކަށް ދިޔުމަށްފަހު ދުވަސްކޮޅަކުން އެކަން މަދުވެ، ތިބާއާއި އެކު ވަގުތު ހޭދަ ކުރުމަށް ބަހަނާ ދައްކާނަމަ އަދިި އެއްފަހަރު ތި ގުޅުމާއި މެދު ވިސްނާލާށެވެ.

ބާރުފޯރުވުން

ރައްޓެހިވެގެން އުޅޭ ފުރަތަމަ ދުވަސްކޮޅު ދެމީހުން ވެސް ދެމީހުންގެ ވާހަކަތައް އަޑުއަހައި ވަރަށް ''އަންޑަސްޓޭންޑިން'' ވާނެއެވެ. ނަމަވެސް ދުވަސްކޮޅަކުން އެ ''އަންޑަސްޓޭންޑިން'' ނެތި ތިބާއަށް އަމުރުކޮށް ބައިވެރިޔާގެ ބާރު ފޯރުވަން ފަށައިފި ނަމަ އަދި އެއްފަހަރު ތި ގުޅުމާއި މެދު ވިސްނާލާށެވެ.

މީގެއިތުރުން ވެސް ތިބާއާއި ނުދެއްކޭ ނުވަތަ ހިއްސާ ނުކުރެވޭ ކަންތައްތައް ހުރުމާއި ކަންތައްތައް ފޮރުވުމާއި ބައިވެރިޔާގެ އާއިލާގެ މީހުންނާއި ރަހުމަތްތެރިން ނުރުހޭނަމަ އަދި އެއް ފަހަރު ތި ގުޅުމާއި މެދު ވިސްނާލާށެވެ.