ކުރީގެ މިސްޓަރ އިންޑިޔާގެ މަގާމު ހާސިލު ކޮށްފައިވާ މަނޯޖު ޕަޓިލްގެ އަމިއްލައަށް މަރުވަން އުޅުނީ ބޮލީވުޑުގެ އެކްޓަރ ސަހިލް ޚާންގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޓައިމްސް އޮފް އިންޑިޔާއިން ރިޕޯޓްކޮށްފައިވާގޮތުން މަނޯޖު އަމިއްލައަށް މަރުވަން އުޅުނީ ނިދާ ބޭސްތަކެއް ކައިގެންނެވެ. އެއީ މެންދަމު 12:30 ހާއި 1:00 އާއި ދެމެދު އޮޝިވަރާގައި ހުރި އޭނާގެ ގޭގައެވެ.

އޭނާގެ އާއިލާގެ މީހުންނަށް މިކަން އެނގުމުން މަނޯޖު ވަނީ ކޫޕާ ހޮސްޕިޓަލަށް ގެންގޮސްފައެވެ. މަނޯޖު ހޮސްޕިޓަލަށް ގެންދިޔައިރު އޭނާގެ ހާލަތު ވަރަށް ގޯސް ކަމަށް މަނޯޖުގެ މެނޭޖަރު ބުނެފައިވެއެވެ.

އޭގެފަހުން މަނޯޖު ވަނީ އޮޝިވަރާ ފުލުހުންނަށް ބޮލީވުޑުގެ އެކްޓަރ ސަހިލް ޚާނާއި ދެކޮޅަށް މައްސަލަ ހުށަހަޅައި ސިޓީއެއް ފޮނުވާފައެވެ. މި ސިޓީގައި މީސް މީޑިޔާގައި މަނޯޖުގެ ނަމަށް ހުތުރުވާ ގޮތަށް ވާހަކަ ސަހިލް ވާހަކަ ދައްކާ ކަމަށާއި މަނޯޖުގެ ''ޕްރޮފެޝަން'' އަށް އެތައް ގޮތަކުން އުދަނގޫ ކުރާ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް ސަހިލް ޚާން ވަނީ މި ހުރިހާ ތުހުމަތެއް ދޮގު ކޮށްފައެވެ. އެއީ އާއްމުންގެ ސަމާލުކަން ހޯދުމަށް ޖައްސާ ގޭމެއް ކަމަށް ވެސް ސަހިލް ބުނެފައިވެއެވެ. އަދި މަނޯޖުއާއި އެއްވެސް ގުޅުމެއް ނެތް ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

މަނޯޖުގެ މެނޭޖަރު ބޭނުންވަނީ ސަހިލް ޚާނާއި ދެކޮޅަށް މައްސަލައެއް ފުލުހަށް ހުށަހަޅާށެވެ. ނަމަވެސް އޮޝިވަރާ ފުލުހުން ބުނެފައިވަނީ ރަސްމީކޮށް އެ މައްސަލަ ހުށަހަޅާފައި ނުވާ ކަމަށާއި މަނޯޖު އެޑްމިޓްކޮށްފައިވާ ހޮސްޕިޓަލަށް ވެސް ފުލުހުން ދިޔަ ކަމަށެވެ.

ސަހިލް ޚާން ކުޅެފައިވާ ފިލުމުތަކަށް ބަލާއިރު ''ސްޓައިލް''، އެކްސްކިއުސް މީ''، އަލާއްދީން'' ފަދަ ފިލުމުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު