ކައިވެނި ޕާޓީގައި ފޮޓޯގްރާފަރަކު ރަނގަޅު އަގެއް ދީފައި ބެހެއްޓުމަކީ އަދިވެސް މަޖުބޫރު ކަމެކެވެ. ކޮންމެ މީހެއްގެ އަތުގައި މޮޅު ފޮޓޯ ނެގޭ ކެމެރާއެއް އޮތް ނަމަވެސް ފޮޓޯގްރާފަރަކަށް ނޫނީ ކައިވެނި ޕާޓީގެ ފޮޓޯ ނުނެގޭނެ ކަމަށް ގިނަ މީހުން ގަބޫލު ކުރެއެވެ.

ކޮންމެއަކަސް ދާދި ފަހުން ދިމާވި ހާދިސާއެކެވެ. މިވާހަކަ އާއްމުކޮށްފައި ވަނީ "ރެޑިޓް" ގައެވެ. މިކަން ހިނގީ ބޭރު ގައުމެއްގައެވެ. ދެމަފިރިއެއްގެ ކައިވެނި ޕާޓީގެ ފޮޓޯގްރާފަރަކަށް އައްޔަން ކުރި އަންހެނަކު ކިޔައިދިން ގޮތުގައި އޭނާ ކައިވެނި ޕާޓީގެ ފޮޓޯ ނަގައިދެން ދިޔައީ އެންމެ 250 ޑޮލަރަށެވެ. އެއީ ދަންނަ ރަހުމަތްތެރިއެއްގެ ކައިވެނި ޕާޓީ ކަމަށް ވާތީއެވެ. ނަމަވެސް ކަންތައްތައް ވެގެން ދިޔައީ ހީކުރި ގޮތަކަށް ނޫނެވެ.

ކައިވެނި ޕާޓީ އޮތް ދުވަހުގެ ހެނދުނު 11:00 އަށް އޭނާ ކައިވެނި ކުރާ އަންހެން މީހާގެ ގެއަށް ދާން ޖެހިއްޖެއެވެ. އެހައި ހިސާބުން ތަފާތު އެޕޮއިންޓްމެންޓްތަކަށް ގޮސް މޭކަޕް ކުރާތަނާއި ހެދުންއަޅާތަނާއި ހުރިހާ މަންޒަރެއް އޭނާ ފޮޓޯ ނަގަން ޖެހިއްޖެއެވެ. ހަވީރު 17:00 ވީއިރު ޕާޓީ ފެށިގެން ދިޔައެވެ. އޭރު އޭނާ އަށް ލައްކަ ގިނަ ފޮޓޯ ނެގިއްޖެއެވެ. ޕާޓީ ފެށުނުއިރު އޭނާ އެއްވެސް އެއްޗެއް ނުކައި ހުންނަތާ ވެސް ހަގަޑިއިރު ވެއްޖެއެވެ.

ޕާޓީ ފެށިގެން ކްރިސްޓިއަން ދީނުގެ އާދަކާދައިގެ މަތިން ކައިވެނި ޕާޓީގައި ތަގުރީރުތައް ދިނެވެ. އާއިލާގެ މުހިއްމު މެންބަރުންނާއި ކައިވެނި ކުރާ ދެމީހުންގެ ގާތް ރަހުމަތްތެރިން މިގޮތައް ވާހަކަ ދައްކައެވެ. އެވަގުތު ފޮޓޯގްރާފަރު އެއްޗެއް ކެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ކައިވެނި ކުރާ އަންހެން މީހާ ވަނީ އެކަން މަނާކޮށްފައެވެ. އޭނާ ވަނީ ފޮޓޯގްރާފަރަށް ކެއުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ބުނެފައެވެ.

ޕާޓީ ނިމެންދެން ވެސް ފޮޓޯގްރާފަރު އެތައް ސަތޭކަ ފޮޓޯއެއް ނަގަން ޖެހުނެވެ. އޭނާގެ ކެމެރާ އިން ނެގި ފޮޓޯތަކުގެ އިތުރުން އަންނަ ކޮންމެ މީހަކު އިންސްޓަގްރާމް ސްޓޯރީ އާއި ސްނެޕްޗެޓަށް ލާނެ ސްނެޕް ވެސް ކައިވެނި ކުރި މީހުންނާއިއެކު ނަގައިދޭން ޖެހުނީ އޭނާ އަށެވެ.

ޕާޓީ ނިމިގެން ދިޔައީ ފޮޓޯގްރާފަރަށް އެންމެ މިނެޓެއްގެ ހުސްވަގުތުކޮޅެއް ވެސް ނުލިބިއެވެ. ކައިވެނި ކުރި ދެމަފިރިން ވަނީ ވަގުތުން ހަނީމޫނަށް ފުރައިގެން ގޮސްފައެވެ. އަދި ޖެހިގެން އައި ދުވަހު އެމީހުން ވަނީ ކައިވެނި ޕާޓީގެ ފޮޓޯތައް ހޯދަން ފޮޓޯގްރާފަރަށް ގުޅާފައެވެ.

އެކަމާއި ހިތްހަމަނުޖެހިގެން ފޮޓޯގްރާފަރު ވަނީ އޭނާ ނެގި ހުރިހާ ފޮޓޯއެއް ޑިލީޓް ކޮށްލާފައެވެ. އޭނާ ވަނީ އޭނާ ކުރީ ރަނގަޅު ކަމެއްތޯ "ރެޑިޓް" ގައި ސުވާލު ކޮށްފައެވެ.

ގިނަ މީހުން ބުނެފައި ވަނީ ފޮޓޯގްރާފަރު ކަންތައް ކުރިގޮތް ރަނގަޅު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    ތިކުރީ ހަމަ ރަގަޅަށް.

    28
  2. މޫސަ

    ޤަދަރާއި، އިޙްތިރާމުކުރަން ނޭނގި އަދި އިންސާނިއްޔަތުކަމެއްވެސް ނެތް ބައެއްގެ ފޯޓޮތައް ހަމައަގު ނުލިބެންޏާ ދޭނެކަމެއްނެއް ތިޔަހެދީ ހަމަ ރަނގަޅަށް

    15