އިންސާނުން އުފައްދަވާފައި ވަނީ ހުރިހާގޮތަކުންވެސް ތަފާތުކޮށެވެ. އިސްކޮޅާއި، ކުލައާއި މިހެންގޮސް ޖެނެޓިކަލީވެސް ވަރަށް ތަފާތުކޮށެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި އެކި ސިފަސިފައިގެން އިންސާނުން ތިބި އިރު މި ބަލާލަނީ ދާދިފަހުން ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދި ދެމީހަކަށެވެ.

ކެތަރީނާ އާއި އެލިޒަބަތް ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދީ އެންމެ ކުރު އެއްމާބަނޑު ދެމީހުންގެ ލަގަބު ހޯދައިގެންނެވެ. މި ދެ މީހުންގެ ތެރެއިންވެސް އެންމެ ދިގު މީހާގެ އިސްކޮޅުގައިވެސް ހުންނަނީ ހަތަރު ފޫޓާއި ދެ އިންޗި އެވެ. އެއީ ސެންޓިމީޓަރުން ބަލާނަމަ 128 ސެންޓިމީޓަރެވެ.

އެންމެ ކުރު ދެމީހުންގެ ޝަރަފުވެރި ލަގަބު ހޯދަން ކެތަރީނާ އާއި އެލިޒަބަތް ހުށައެޅީ އަމިއްލަ އަށެވެ. އެއީ މީހުން ކިޔާފާނެ އެއްޗަކަށް ބެލުމެއް ނެތި މުޖްތަމައު ބަލައިގަންނަ ބަޔަކަށް ވާނެތީ އެވެ. ބަޔަކު މަލާމާތް ކުރިނަމަވެސް ހަގީގަތް އޮޅުވައި ނުލެވޭނެކަން ދަނެ ހަގީގަތާއި ކުރިމަތިލުމުގެ ނިޔަތުގައެވެ.

ކެތަރީނާ އާއި އެލިޒަބަތް އާއިލާ އާއި އެކު
ފޮޓޯ: ގޫގުލް

ރިކޯޑް ފޮތުން ޖާގަހޯދަން ހުށައެޅުމުން އާއިލާއަށްވެސް ހައިރާންކަމެއް ލިބުނު ކަމަށް ކެތަރީނާ އާއި އެލިޒަބަތް ބުންޏެވެ. ނަމަވެސް އޭގެ ފަހުން މިކަން ކާމިޔާބު ކުރުމަށް އާއިލާއިން ވަރަށް އެއްބާރުލުން ލިބުނު ކަމަށް އެމީހުން ބުންޏެވެ.

މީހުން ބިނާކުރުމުގައިވެސް އިސްނަގައިގެން ކެތަރީނާ އާއި އެލިޒަބަތް ހަރަކާތްތެރިވެއެވެ. އެމީހުން ބުނީ ދުނިޔެ ރަނގަޅު ތަނަކަށް ހެދުމަށް އެމީހުންނަށް ކުރެވުނު މަސައްކަތެއްވެސް ކުރާނެ ކަމަށެވެ.

ކެތަރީނާ އާއި އެލިޒަބަތް މަސައްކަތް ކުރަނީ ސަރުކާރުގެ ވަޒީފާ ތަކުގައި އެވެ. އެގޮތުން ކެތަރީނާ މަސައްކަތް ކުރަނީ ސިވިލް ސާވިސްގައި އެވެ. އަދި އެލިޒަބަތް މަސައްކަތް ކުރަނީ ޒުވާނުން ބާރުވެރިކުރުވާ އޮފީހެއްގައި އެވެ.