އިންޑިއާގެ މަޝްހޫރު ތަރި ޝާހުރުކް ޚާން އަކީ އެއް ފަންނާނަކަށް އެ ފަންނާނެއްގެ އެންމެ ގިނަ ފޭނުން ތިބި ފަންނާކަށް ވާނެއެވެ. ބޮލީވުޑްގެ ކިންގް ޚާން ނުވަތަ ބާދްޝާގެ ނަމުން މަޝްހޫރު ޝާހު އަކީ އާއްމުންގެ މެދުގައި މަގުބޫލުވުމުގެ އިތުރުން އާއްމުންގެ އިހުތިރާމާއި ލޯބިވެސް ލިބިފައިވާ މީހެކެވެ. އޭނާގެ ސަކަ މިޒާޖާއި ސާދާ ދިރިއުޅުމަކީ ފޭނުން އެކަމަކަށް ލޯބިކުރާ ކަންކަމެވެ.

އަދި ޝާހު އަކީ ބޮލީވުޑްގެ އިތުރުން މުޅި އިންޑިއާގައި ވެސް ހުރި އެންމެ ނުފޫޒު ގަދަ އެއް ޝަހުސިއްޔަތުކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. މި ސަބަބާއި ހުރެ ޝާހު އަށް ސެކިއުރިޓީ އާއި ނުލާ ބޭރަށް ގޮސް އުޅެން ވެސް އުދަނގޫވެއެވެ. ސަބަބަކީ އޭނާ ފެންނަ ކޮންމެ ތަނަކުން މީހުން އޭނާ އާއި ބައްދަލުކުރަން އެދުމާއި، އޭނާ އާއި އެކުގައި ފޮޓޯ ނަގަން އެދުން އަދި އޮގޯގްރާފް އަށް އެދުމެވެ.

މިފަދަ މަގްބޫލުކަމާއި އެކުގައި ވެސް ޝާހު އަކަށް ވެސް އިންޑިއާގައި އޮތް ބޮއިކޮޓްކުރުމުގެ ސަގާފަތުން ރެކިގަނެވޭ ގޮތެއް ނުވިއެވެ. އިންޑިއާ އަކީ މީސްމީޑިއާގައި ގިނަ ބަޔަކު ވަރަށް ހަރަކާތްތެރި ގައުމަކަށް ވުމުން ކުރީގެ ކަމެއް އަލުން ފެންމަތިވެއްޖެ ނަމަ، ބުނެވޭ ބަހަކުން އަދި އެފަދަ އެ ނޫންވެސް ކަމަކުން މީސްމީޑިއާގައި ވަރަށް ފަސޭހައިން މީހުން ހޫނުފެނަށް ވެއްޓި އެ މީހުން ބޮއިކޮޓް ކުރާ ހިސާބަށް ކަންކަންދެއެވެ.

ޝާހު އަށް މި ފަހަރު ދިމާވި ގޮތަކީ އޭނާ ޕާކިސްތާނުގެ މިހާރުގެ ބޮޑުވަރީން އިމްރާން ހާން އާއި އެކު ނަގާފައިވާ ފޮޓޯ އެއް ދައުރުވާން ފެށީއެވެ. އެ ހިސާބުން ޝާހު ޕާކިސްތާނުގެ ކްރިކެޓް ކުޅުންތެރިންނާއި އެހެން މީހުންނާއި ގާތް ގުޅުމެއް ބާއްވާ ކަމަށް ބުނެ އާއްމުން ފާޑުކިޔަން ފެށިއެވެ. އަދި އެކަމާއި އިންޑިއާގައި ތަހައްމަލްކުރުން އޮންނަ މިންވަރު ކުޑަ ކަމަށާއި މުސްލިމުންނަށް ދިމާވާ ދަތިތަކާއި މެދު ޝާހު ދައްކާފައި ހުރި ވާހަކަތަކާއި ގުޅުވަން ފެށިއެވެ.

އެހާހިސާބުން ދާދިއަވަހަށް ޝާހު ބޮއިކޮޓް ކުރުމުގެ ކެމްޕެއިން އެއް މީސްމީޑިއާގައި ވައިގައި ހިފިއެވެ. ޝާހު އަކީ ނުފޫޒު ގަދަ ފަންނާނަކަށް ވުމުން މި ފަދަ ހަރަކާތަކުން އޭނާގެ މަސައްކަތަށް އަސަރު ނުކޮށްފާނެއެވެ. އެހެންނަމަވެސް އޭނާގެ އަބުރަށް މިފަދަ ވާހަކަތަކުން އަސަރުކުރާނެކަން ފާހަގަކޮށްލެވެއެވެ.