ރާއްޖޭގައި އެންމެ ގިނައިން ޗުއްޓީ ހޭދަކުރަން އަންނަ އެއްބަޔަކީ ބޮލީވުޑުގެ ފަންނާނުންނެވެ. ޚަބަރުތަކުގެ ފަލަ ސުރުޚީއިން އަބަދުވެސް ފެންނާނީ ބޮލީވުޑު ފަންނާނެއް ރާއްޖެ އައި ވާހަކައެވެ.

ބައެއް ފަންނާނުން ޗުއްޓީ ހޭދަކޮށްލުމަށް އެހެން ގައުމަކަށް ދިޔަ ނަމަވެސް، މޫދު ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯއެއް މީސް މީޑިޔާގައި ހިއްސާ ކޮށްފި ނަމަ އިންޑިޔާގެ ނޫސްތަކުގައި އެ ފަންނާނަކު ރާއްޖޭގައި އުޅޭ ކަމަށް ލިޔެއެވެ.

މިގޮތުން ބޮލީވުޑުގެ އެކްޓަރ ވަރުން ދަވަން ވެސް އޭނާގެ އަންހެނުން ނަތާޝާ ދަލާލްއާއި އެކު އިންޑިޔާގެ ގޯއާގައި ޗުއްޓީ ހޭދަކުރަމުންދާއިރު ގިނަ ޚަބަރުތަކުގައި ވަރުންއާއި ނަތާޝާ ރާއްޖޭގައި ހުރި ކަމަށް ދަނީ ބުނަމުންނެވެ.

ވަރުން ދަވަން ހުރީ ރާއްޖޭގައި ނޫންކަން އޭނާ އަންގައިދިނީ އިންސްޓަގުރާމުގައި ކޮށްފައިވާ ތަފާތު ޕޯސްޓަކުންނެވެ. ސީރިއަލް ތަށްޓަކަށް ކިރު އަޅާ ވީޑިއޯއެއް ހިއްސާކޮށް އެ ފޮޓޯގައި ވަރުން ލިޔެފައިވަނީ ''ރާއްޖޭގައެއް ނޫން'' މީހެންނެވެ.

ވަރުންއަކީ ވެސް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަންނަ ބޮލީވުޑު ފަންނާނުންގެ ތެރެއިން އެއް ފަންނާނެވެ.

ގޯއާގައި އަންހެނުން ނަތާޝާއާއި އެކު ޗުއްޓީ ހޭދަކުރަމުންދާ ވަރުން ވަނީ ނަތާޝާއާއި އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގުރާމުގައި ހިއްސާކޮށް އޭނާ ދިރިހުންނަކަން އެނގޭ ހަމައެކަނި ސަބަބަކީ އެއީ ކަމަށް ބުނެފައެވެ.

ވަރުންގެ ފިލުމީ މަސައްކަތަށް ބަލާއިރު ފިލުމު ''ބޭޅިޔާ'' ގެ ޝޫޓިންތައް ވަނީ ނިންމާލާފައެވެ. މި ފިލުމުގައި ވަރުންއާއި އެކު ފެނިގެންދާނީ ކްރިތީ ސަނޫންއެވެ.

ފިލުމު ''ސްޓޫޑެންޓް އޮފް ދަ އިޔާ'' އިން ބޮލީވުޑަށް ތައާރަފުވި، ވަރުން ވަނީ މިހާތަނަށް ކާމިޔާބު އެތައް ފިލުމެއްގައި މަސައްކަތް ކޮށްފައެވެ.