ކޮންމެ ކަމެއްގައިވެސް އަމިއްލަޔަށް މަޖާވެގަތުމަކީ ދިވެހިންގެ މެދުގައި ހިފާފައިވާ އާދައެކެވެ. ކިތަންމެ ސީރިޔަސް ކަމެއްގައިވެސް މިގޮތަށް އަމިއްލަޔަށް މަޖާވެގަނެ، އެހެން މީހުން އިޙްސާސްތަކަށް ބެލުމެއް ނެތި އުޅޭ މީހުން ދިވެހީންގެ ތެރޭގައި ވަރަށް ގިނައިން ފެނެއެވެ. ޚަބަރު ތަކަށް ބަންޑުންކޮށްލާ ކޮމެންޓްތަކުން މިކަން ވަރަށް ރަނގަޅަށްވެސް ހާމަވެގެން ދެއެވެ.

މިހަފްތާ ތެރޭގައި ދިވެހިންގެ ތެރެއިން ދެ މީހަކު ކޮންމެވެސް ސަބަބަކާހުރެ މިދުނިޔެއާއި އަލްވަދާޢު ކިޔާފިއެވެ. އެއީ އެމީހުންގެ ނިންމުމެވެ. އެކަމާދެން ކިތަންމެ މަޝްވަރާއެއް ކުރިޔަަސް ނުވަތަ ކިތަންމެ ޒުވާބެއް ކުރިޔަސް ދެން ވާނެ ފައިދާއެއް ނެތެވެ. ނަމަވެސް ކަން އެންމެ ބޮޑަށް ގޯސްވާ ހިސާބަކީ މިފަދަ "ސެންސިޓިވް" ކަންކަމަށްވެސް ދިވެހިން ޖޯކް ޖަހާ ހިސާބެވެ. "ކޮބާ ސީޒަން އައީ އޭ ދޯ؟" އޭ ބުނެ މަލާމާތް ކުރާ ހިސާބެވެ.

ދިވެހިންގެ ތެރޭގައި އެކަކު އަނެކަކަށް މަލާމާތް ކޮށް ހަޖޫޖެހުމަކީ އާއްމު ކަމެކެވެ. ދިވެހިންގެ ތެރޭގައި މިކަން ނުކުރާ މީހަކު މެދޭ ބުންޔަސް ދޮގަކަށް ނުވާނެއެވެ. ތިމާގެ އަމިއްލަ ފައިދާއަށް ނުވަތަ ތިމާގެ އަމިއްލަ ހިތް ހަމަ ޖެހުމަށް ނުވަތަ އެހެން މީހުންގެ ނަޒަރުގައި ތިމާއަކީ "ކޮޅި" މީހެއް ކަމަށް ދައްކާލުމަށް އެހެން މީހުންގެ އިޙްސާސްތަކަށް ނުބަލާ އަމިއްލަ ރަޢުޔު ބަންޑުންކޮށްލާ ދިވެހިން މިމުޖުތަމަޢުގައި އާއްމެވެ.

މިފަދަ ދިވެހިންނަށް ބުނެލަން ބޭނުންވާ ވާހަކައެއް އެބައޮތެވެ. އަމިއްލަޔަށް މަރުވާ މީހުން މަރުވަނީ ދުނިޔޭގައި އެމީހުނަށް ކުރިމަތިވާ ކަންކަމަށް ކެތް ނުކުރެވިގެންނެވެ. އިތުރު ސަބަބުތައް މިކަމުގައި ހުންނާނެ ކަމަށް ޤަބޫލު ކުރަމެވެ. ނަމަވެސް ތިމާ އެމީހަކަށް އެހީތެރިވުމަށް ނުވަތަ އެމީހެއްގެ ކެކުޅުމުގެ އަޑު އަހާލި ނަމަ މިއަދު އެކަން އެގޮތަށް ނުވުމަކީ އެކަށީގެންވާ ކަމެކެވެ. ތިމާއަށް މީހަކަށް އެހީތެރި ކަމުގެ އަތެއް ދިއްކޮށްލަން ބޭނުން ނޫންނަމަ ނުވަތަ އޯގާތެކަން ބޭނުންވާ މީހަކަށް އެއޯގާތެރިކަން ދޭން ބޭނުންނަމަ، އެވޭން ތަޙައްމަލް ކުރަމުންދާ މީހަކަށް އިތުރު ބުރައަކަށް ތިމާ ނުވާށެވެ.

ތިމާ ބުނެލާ ކިތަންމެ ކުޑަ ބަހަކީވެސް އަނެކާއަށް ބޮޑު އެއްޗެއް ކަމުގައި ވެދާނެކަން ހަދާން ކުރާށެވެ. "ކޮބާ ސީޒަން ފެށުނީ ދޯ" މިހެން ބުނުމުން ތިމާއަށް ނުސީދާކޮށް ވޭން ތަޙައްމަލު ކުރަމުންދާ މީހުން ގާތު ތިބުނެވެނީ ދެން އޮތީ ތިމާގެ ބުރުކަމަށެވެ. އަމިއްލަޔަށް ފުރާނަ ދުއްވާލިޔަސް، ހަޤީޤަތުގައި ދިޔަ ފުރާނައިގެ ޒިންމާ ނަގަން ޖެހޭނީ ތިމާއެވެ.

ކޮންމެ ކަމަކީ މަޖާކަމެއް ކަމުގައި ޤަބޫލު ނުކޮށް، އަމިއްލައަށް މަޖާވެގަނެ ބަހެއް ބުނުމުން ނުވަތަ ކޮމެންޓްއެއް ކުރުމުން އެހެން މީހުންގެ އިޙްސާސް ހުންނާނެ ގޮތަކާމެދު ވިސްނާލަން ޖެހެއެވެ. ތިމާގެ ސަބަބުން ނޭނގި ނަމަވެސް އަނެކާއަށް ގެއްލުމެއް ދޭކަށް އެކަކުވެސް ބޭނުމެއް ނުވާނެ ތާއެވެ؟

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސިނެކް

    މިއީ އަސްލު ޖަމާޢަތުގެ ޙަބަރަކީ ވަރަށް ވަރަށް ފުރިހަމަ

  2. މަ

    "އެމްޕަތީ" އެއީ ކޯޗެއްކަން ނޭނގެނީ. އެނގުނަސް މިނަށްވުރެ ޖާހިލީ. ކަމެއް ޖެހުނީމާ ތިމާ ދެރަވާހެން އަނެކާވެސް ދެރަވާހެން އަނެކާވެސް ދެރަވާނެކަން ނޭނގޭނީ ސިކުނޑީގަ ވެސް އުނިކަމެއް ހުރީމަ.

  3. ސާބަސް

    ޒުވާނެކޯ 29. މުސްކުޅި ވީމަވެސް ޒުވާން ކިޔަާތަ 29އަހަރު..؟؟

    • ޖުހާ

      ހަހަހަ...އެހެންވީއިރު މިރާއްޖޭގަ މުސްކުޅިން ހާދަ ގިނަވާނެޔޭ.29 އަހަރުގެ މުސްކުޅިންނަށްވެސް ހާއްސަ އިނާޔަތެއް ދޭން ފެނޭ؟؟އެކަމަކު ތިބުނާ އުމުރު ފުރާއިގެ މުސްކުޅިން ފެންނަފެނުމަށް ހާދަހާ ޒުވާނޭ...

  4. ޖަމާލުބޭ

    ނަމަވެސް ތިމާ އެމީހަކަށް އެހީތެރިވުމަށް ނުވަތަ އެމީހެއްގެ ކެކުޅުމުގެ އަޑު އަހާލި ނަމަ މިއަދު އެކަން އެގޮތަށް ނުވުމަކީ އެކަށީގެންވާ ކަމެކެވެ.
    ހުމް އަހަރެމެންނަށް އިނގޭތަ ތާކު މީހަކު ދަންޖެހެން އުޅޭކަމެއް ؟

    • އީ

      މީހުން ދުނިޔޭގާ އަމިއްލަޔަށް މަރުވާކަން އިނގޭނެތާ އަސްލް.. މިކަހަލަ ކަމެއް ކޮށްފާނޭ ކަން އެނގިހުރެވެސް އަޅާ ނުލި މީހުންނަށް މި ނިއުސް ކީމާވެސް ވިސްނިދާނެނު.. ދެން މިހާރުން ފެށިން ތިމާ ވެސް ޖެހޭނީ އެކަހަލަ މީހަކައް މަލާމަތް ނުކޮށް އެހީތެރިވުމަށް ވިސްނުން ގެންގުޅެން
      ان شاء الله ..