ފޮޓޯ އިން އެ ފެންނަ ބުޅަލަކީ އިނގިރޭސި ވިލާތުގެ އާއިލާ އަކާއެކު ދިރިއުޅޭ ކޭތު ކިޔާ ބުޅަލެކެވެ. އޭގެ ބަރުދަން އިތުރުވެ ހެލިފެލިވާން އުނދަގޫ ވުމުން އެ ބުޅަލުގެ ވެރިފަރާތުން ވަނީ ދިހަވަރަކަށް ހާސް ޕައުންޑް ހޭދަކޮށްގެން އޭގެ ބަރުދަން ލުއިކޮށް އެ ބުޅާ ދުޅަހެޔޮކުރުމަށް މަސައްކަތް ކޮށްފައެވެ. އެ ބުޅަލަށް ކާންދޭ މިންވަރު ކޮންޓްރޯލް ކުރުމުން އެ ބުޅާ އަމިއްލަ އަށް ކަބަޑާއި ފްރިޖު ހުޅުވައިގެން ކާނާ ނަގާކަމަށްވެއެވެ.

އެކަން ހުއްޓުވާނެ އެހެން ގޮތެއް ނެތިގެން ބުޅާ ގެންގުޅޭ މީހާ އަށް ޖެހުނީ ހުރިހާ ތަނެއް ތަޅު އަޅުވާށެވެ. ޗައިލްޑް ލޮކް ބޭނުންކޮށްގެން ހުރިހާ ތަނެއް ބަންދުކޮށް ބުޅަލަށް އަތް ނުފޯރުވޭ ގޮތް ހަދަން އޭނާއަށް މަޖުބޫރުވީ އެ ނޫން ގޮތެއް ނެތުމުންނެވެ.

މި ބުޅަލަކީ މަގުމަތީގައި ނިކަމެތި ހާލުގައި އޮއްވާ ސަލާމަތް ކުރި ބުޅަލެކެވެ. އެއީ ސާރާ މެތިއުސް ކިޔާ މީހަކު އޭނާގެ ދަރިފުޅު ޗާލީގެ 10 ވަނަ އުފަންދުވަހު އޭނާ އަށް ދިން ހަދިޔާއެވެ. އެ ބުޅާ ފުރަތަމަ އެ ގެއަށް ގެންދިޔަ އިރު ހުރީ ގާތްގަނޑަކަށް ފަސް ކިލޯއެވެ. މިހާރު ގާތްގަނަޑަކަށް 11 ކިލޯ އެ ބުޅަލުގެ ބަރުދަނުގައި އެބަހުއްޓެވެ. އެއީ އާއްމުކޮށް ގޭގޭގައި ގެންގުޅޭ ކުއްތާތަކަށް ވުރެ ވެސް ބޮޑު ބުޅަލެކެވެ.

ފާއިތުވި ހަތް އަހަރު މި ބުޅާ ގެންގުޅެފައި ވަނީ ވަރަށް ލޯބިންނެވެ. އެ ބުޅަލުގެ ކެއުން މަދު ކުރުވަން މަޖުބޫރުވީ އޭގެ ސަލާމަތާއި ދުޅަހެޔޮކަމަށްޓަކައެވެ. އެންމެ ފުރަތަމަ ބަނޑުހައިވުމުން އަމިއްލަ އަށް ކާ އެއްޗެހި ނަގާތީ ކާއެއްޗެހި ބަހައްޓާފައި ހުންނަ ކަބަޑް ކުރިމަތީގައި ބަރު ދަބަހެއް ބޭއްވި ކަމަށާއި އެ ބުޅާ އަމިއްލަ އަށް އެ ދަބަސް ދަމާ ދުރުކޮށްގެން ކާއެއްޗެހި ނަގާ ކަމަށް ސާރާ ބުނެއެވެ.

އަދި ކޮށްޓަކަށް ލާފައި ވަގުތުކޮޅަކަށް ބޭއްވުމުން ބާރުގަދަ ކަމުން ކޮށިން ނުކުމެ، އެ ސަރަހައްދުގައި އުޅޭ އެހެން ބުޅާތަކުގެ ކާއެއްޗެހި ފޭރިގަނެގެން ކާ ކަމަށް ވެސް ސާރާ ބުނެއެވެ. އަދި އަވަން މަތީގައި ކާއެއްޗެހި ބެހެއްޓިއަސް އަތުން ޖަހަމުން ގޮސް އެ އެއްޗެހި ވައްޓައިގެން ނަގާ ކަމަށް ސާރާ ބުނެއެވެ.

ސާރާ ވަނީ ކޭތު ދެކެ އޭނާގެ މުޅި އާއިލާ ވެސް ވަރަށް ލޯބިވާ ކަމަށް ބުނެފައެވެ. ނަމަވެސް ކޭތު އަކީ ވިސްނުން ތޫނު ބުޅަލަކަށް ވުމުން އެއަށް ފޮރުވައިގެން ކާއެއްޗެހި ގެންގުޅުން އުނދަގޫ ކަމަށް ސާރާ ބުނެއެވެ. އަދި ކެއުން މަދުކުރުމުން މޫޑު ގޯސްވެ ބޮޑާހޭކުމުގެ ސިފަތައް ކޭތުގެ ފަރާތުން ފެނުނު ނަމަވެސް ކޭތު ފަލަ ވުމުން އޭގެ ސިއްހަތަށް އަސަރުކުރަން ބޭނުން ނުވަނީ ކަމަށް ސާރާ ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޭމާޓް

    މާކުންބޭގެ ދަރިއެއް ދޯ މިވެސް...

    11
    1
  2. ކޭމާޓް

    ކަބަޑުތަކުގަ ތަޅު އެޅުވީމަ ކޮކަޑި ތަކުރުގެ މީދާ ގޮތަށް އަންނަ ރުޅީގަ ކަބަޑުތައް ކާ ނުލައިފިއްޔާ ރަނގަޅު.