ކުޑަކުދިން ކުރާ އާދަޔާ ހިލާފު ކަންތައްތަކުގެ ވާހަކަ އަބަދު ވެސް މީސްމީޑިއާގައި ގިނަ ބައެއްގެ ސަމާލުކަމަށް އާދެއެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެފަދަ ކުދިންނަށް އެކަހަލަ ކަންތައްތައް ކުރެވެނީ އާދަޔާ ހިލާފު ހުނަރެއް ލިބިފައިވާތީއެވެ.

މިއީ ވެސް އެކަހަލަ ހުނަރެއް ލިބިފައިވާ އުމުރުން ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖަކު ކޮށްފައިވާ ކަމެއްގެ ވާހަކައެވެ.

މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނަނީ ކުޑަ ކުއްޖަކު ސްޕައިޑަމަން ފާރަށް އަރާ ގޮތަށް ފާރަށް އަރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެކެވެ. މިވީޑިއޯ މީސްމީޑިއާގައި ދައުރުވާން ފެށުމާއި އެކީ ގިނަ ބައެއްގެ ސަމާލުކަން އެ ވީޑިއޯއަށް ވަނީ ލިބިފައެވެ.

އެއްވެސް ކަހަލަ އެއްޗެއްގެ އެހީއަކާއި ނުލައި އެކުއްޖާ ފަސޭހަކަމާއި އެކީ އެ ދެފާރުގައި ހިފައިގެން މައްޗަށް އަރާ މަންޒަރު ފެންނަ މި ވީޑިއޯ މިހާތަނަށް 526،000 މީހަކު ވަނީ ބަލާފައެވެ.

ޓުވިޓާގައި ހިއްސާ ކޮށްފައިވާ 55 ސިކުންތުގެ އެ ވީޑިއޯ އާއްމުވުމާއި ގުޅިގެން ގިނަ ބަޔަކު ބުނެފައިވަނީ އެއީ ސްޕައިޑަމަންގެ އަންހެން ދަރިފުޅު ކަމަށެވެ. އެގޮތަށް ގިނަ ބަޔަކު ބުނެފައިވަނީ އެއްވެސް ޖެހިލުމަކާއި ނުލައި އެ ކުއްޖާ ފާރަށް ފަސޭހަކަމާއި އެކީ އަރާފައިވާތީއެވެ.

އަދި ވީޑިއޯ ރީޓުވިޓް ކުރި ބައެއް ފަރާތްތަކުން ބުނެފައިވަނީ އެމަންޒަރު އޭނާ އަށް ފެނުނު ނަމަ "ފަންޑިތަ" ހަދާ މީހަކަށް ގުޅާނެ ކަމަށެވެ. އެއީ އެފަދަ ކަންކަމަކީ އެއީ ޖިންނީންގެ ސަބަބުން ވެދާނެ ކަމަށް ބެލެވޭތީ ކަމަށެވެ.