ދުވަހުގެ ފެށުން ފެށުމަށް ހޫނު ކަޅު ސައި ތަށްޓެއް ނުވަތަ ކޮފީ ތަށްޓެއް ބުއިމަކީ ގިނަ ބައެއްގެ އާދައެކެވެ. ކަޅު ސައި ތަށްޓެއް ނުވަތަ ކޮފީ ތަށްޓެއް ނުބޯނަމަ އެ ދުވަހެއް "މޫޑީ" ދުވަހަކަށް ވާ ކަމަށް ވަރަށް ގިނަ މީހުން ބުނެއެވެ.

ކަޅު ސަޔަކީ ވެސް ވަރަށް ފައިދާ ހުރި އެއްޗެކެވެ. އެންމެ ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ކަޅު ސައި ބުއިމަކީ ސިކުނޑި ތާޒާ ކޮށްދޭ އަދި އުފެންދުންތެރި ޚިޔާލުތައް ގެނުވައިދޭނެ ކަމެކެވެ.

ޕެކިން ޔުނިވާސިޓީއިން ކޮށް، ފުޑް ކޮލިޓީ އެންޑް ޕްރިފަރެންސް މަޖައްލާގައި ޝާއިޢު ކޮށްފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި ކަޅު ސައި ބުއިމުން ވިސްނުމުގެ ބާރުގަދަ ކޮށްދެއެވެ. އަދި ކަޅު ސައި ބުއިމުން ކަންކަން ހައްލުކުރުމާއި ލޮޖިކަލް ކަންތައްތައް ދެނެގަތުމުގެ ބާރު ގަދަ ކޮށްދެއެވެ.

ޗައިނާގެ ދިރާސާ ކުރާ މީހުންނާއި ޕެކިން ޔުނިވާސިޓީގެ ސައިކޮލޮޖިސްޓެއް ކަމުގައިވާ ލެއި ވަންގް މި ދިރާސާ ކޮށްފައިވަނީ 100 މީހަކަށް މައްސަލައެއް ހައްލު ކުރުމަށް ދީގެންނެވެ.

މައްސަލަ ހައްލު ކުރަން ދިނުމުގެ ކުރިން އެއިން ބައެއް މީހުންނަށް ފެން އަދި ބައެއް މީހުންނަށް ކަޅު ސައި ދެވުނެވެ. ފެނާއި ސައި ވެސް ހުރީ 42 ޑިގްރީ ސެލްސިއަސް ހޫނު މިނުގައެވެ.

ދިރާސާއިން ފާހަގަ ކުރެވުނު ގޮތުގައި ކަޅު ސައި ބުއި މީހުންގެ އުފެއްދުންތެރި ކަމުގެ ލެވެލް ވަރަށް މައްޗެވެ. އަދި އުދަނގޫ މައްސަލަތައް ހައްލުކުރުމަށް ވެސް ފަސޭހަވީ ކަޅު ސައި ބުއި މީހުންނަށެވެ.

ދިރާސާ ކުރި ފަރާތްތަކުން ނިންމާފައިވަނީ ކަޅު ސައި ބުއިމުން އުދަނގޫ މައްސަލަތައް ހައްލުކުރަން ފަސޭހަވެ ސިކުނޑި ތާޒާވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަބުނީ

    ހޫނު ސައިތައްޓެއް ބޯލީމަ ސިކުނޑި އެކަންޏެއް ނޫން ހިތްވެސް ހަމަ ޖެހޭ.

  2. މަރީ

    ލިޔުމުގަ ލިޔެލަން ވާޏެ ދޯ އެކަމު ހަކުރު ނާޅަ ބޯންވެސް. ބޭރު މީހުންވެސް ބޮނީ ހަކުރު ނާޅާ. ހަކުރު އަޅައިން ގިނައިން ސައިބޯން ވެއްޖާ ލިބޭ ގެއްލުން މާ ބޮޑުވާނެ.

    4
    1