ބޮލީވުޑުގެ ބަތަލާ ޝިލްޕާ ޝެޓީ ކުންދުރާގެ ފިރިމީހާ، ރާޖު ކުންދުރާ، ބަރަހަނާ ފިލުމު އާއްމުކުރުމުގެ އެޕްލިކޭޝަނެއް ހިންގުމުގެ މައްސަލައިގައި ހައްޔަރު ކުރުމަށްފަހު، ދެމަސް ފަހުން، ޖަލުން ދޫކޮށްލައިފިއެވެ.

ރާޖު ކުންދުރާ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދި ކޯޓަށް ހުށަހަޅާފައިވާ ހުށަހެޅުމާއި ގުޅިގެން އެންމެ ފަހުން މުމްބާއީ ކޯޓުގައި ބޭއްވި އަޑުއެހުމުގައި އޭނާއާ ދެކޮޅަށް ސީދާ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް ވަނީ ނިންމާފައެވެ.

އެއާއި އެކު ކަފާލާތުގެ ދަށުން އިއްޔެ 11:30 ހާކަށްހާއިރު ރާޖު ކުންދުރާ ޖަލުން ސަލާމަތްވެފައިވާ ކަމަށް އިންޑިޔާގެ ރިޕޯޓްތައް ބުނެއެވެ. އަދި ރާޖުއާއި އެކު ހައްޔަރު ކުރި ރަޔާން ތޯޕޭ ވެސް ކަފާލާތުގެ ދަށުން ސަލާމަތްވެފައިވާ ކަމަށް ވެއެވެ.

ޖުލައި 19 ވަނަ ދުވަހު ހައްޔަރު ކުރި ރާޖު ކުންދުރާ ޖަލުން ސަލާމަތްވެފައިވަނީ 50،000 އިންޑިޔާ ފައިސާ ދައްކައިގެންނެވެ.

ރާޖުގެ ވަކީލް ކޯޓުގައި ވާހަކަދައްކަމުން ބުނެފައިވަނީ، އެ އެޕްލިކޭޝަންގައި ރާޖު އަމަލީ ގޮތުން ބައިވެރި ނުވާ ކަމަށާއި، އަދި ރާޖުއަކީ އެ އެޕްލިކޭޝަންގައި ހަރަކާތްތެރި މީހެއް ނޫން ކަމަށެވެ. އަދި ރާޖުއަށް ކުރަނީ ދޮގު ތުހުމަތެއް ކަމަށް ވެސް ވަކީލް ބުނެފައިވެއެވެ.

ނަމަވެސް ރާޖުއާއި ދެކޮޅަށް ވަކާލާތު ކުރި ވަކީލު ބުނެފައިވަނީ ހަމައެކަނި ޝީޓުތަކުގައި ރާޖު އެކަން ނުކުރާ ކަމަށް އޮތް ނަމަވެސް ކަފާލާތުގެ ދަށުން ދޫކޮށްލަން ނުޖެހޭނެ ކަމަށެވެ.

ދެފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު ކޯޓުން ވަނީކަފާލާތުގެ ދަށުން ރާޖު ދޫކޮށްލައިފައެވެ.

މި މައްސަލައިގައި ރާޖުއާއި ޝިލްޕާގެ މެދުގައި ވަރަށް ހަމަނުޖެހުން ހިނގިކަމަށް ރިޕޯޓްތަކުގައިވެއެވެ.