ދިޕިކާ ޕަޑުކޯންއަކީ ބޮލީވުޑްގެ ފަންނާނުންގެ ތެރެއިން ތަފާތު ފަންނާނެކެވެ. މިހާރު ހޮލީވުޑްގެ ހަރުފަތަށް ދަތުރުކޮށްފައިވާ ދިޕިކާ ދަނީ ހޮލީވުޑްގެ ފިލްމަކަށް އަނެއްކާވެސް ތައްޔާރުވަމުންނެވެ. މިހާރު ބޮލީވުޑްގެ އެންމެ ބޮޑު މުސާރަ ލިބޭ އަންހެން ތަރިންގެ ތެރޭގައި ހިމެނޭ ދިޕިކާ އެންމެ ބޮޑަށް މަޝްހޫރުވާ އެއް ސަބަބަކީ އޭނަގެ ދިގު އިސްކޮޅާއި، ރޫފަ ހެޔޮ ހަށިގަނޑެވެ.

ކެއުމަށް ލޯބިކުރާ ދިޕިކާ އޭނާގެ ހަށިގަނޑު ރީއްޗަށް ބެހެއްޓުމަށް ކުރާ ކަމަކީ ކަސްރަތުކުރުމެވެ. ދިޕިކާ ބުނާ ގޮތުން އޭނާގެ ދުވަސް އެންމެ ތާޒާކޮށް ކުރިއަށް ދަނީ ކަސްރަތު ކުރުމުން ދުވަސް ފެށުމުންނެވެ. އޭނާ ބުނީ ހަފްތާގެ ކޮންމެ ދުވަހަކު ހެނދުނު ކަސްރަތުކުރުމަކީ އޭނާ އަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް ގިނަ ދުވަސް ދުވަހު އޭނާ އެންމެ ހެނދުނު، ހޭލުމަށް ފަހު ކުރާ ކަމަކީ ކަސްރަތުކުރުން ކަމަށް އޭނާ ބުނެއެވެ.

ދިޕިކާ އަކީ އެންޒައިޓީ ހުންނަ މީހަކަށް ވާއިރު އޭނާ ބުނީ ކަސްރަތުކޮށް ހެލިފެލިވެ އުޅުމަކީ އޭނާގެ ސިކުނޑި ހަމައަކަށް އެޅޭ ކަމެއް ކަމަށެވެ. އެކަމުން އޭނާގެ ހިތަށް ހަމަޖެހުން ލިބޭ ކަމަށާއި އޭނާ އަށް ދިމާވާ ނައްސި ކަންކަމާއި ކުރިމަތިލާން އޭނާ އަށް އެކަމުގެ ސަބަބުން ހިއްވަރު ލިބޭ ކަމަށް ދިޕިކާ ބުނެއެވެ. ކަސްރަތު ކުރާ އިރު ބޮޑަށް ބަލަނީ އަވަސް އަވަހަށް ވަރުބަލިވާ ކަސްރަތުތައް ކުރުމުގެ ބަދަލުގައި ހަށިގަނޑަށް ބޮޑަށް އަސަރު ކުރާނެ ފަދަ ކަސްރަތުތައް ކުރުމަށް ކަމަށް ވެސް ދިޕިކާ ވަނީ ބުނެފައެވެ.

އެގޮތުން ބަރު ބޭނުންކޮށްގެން ކުރާ ކަސްރަތުތަކަށް ދިޕިކާ ވަރަށް ބޮޑަށް ލޯބިކުރެއެވެ. އެހެންނަމަވެސް ދުވުމާއި، ޔޯގާ ފަދަ ކަސްރަތުތައް އޭނާ އަށް އެހާބޮޑަށް ކަމަކު ނުދެއެވެ. އާއްމުކޮށް ދިޕިކާ ކަސްރަތު ކުރަނީ ޓްރެއިނަރަކާއި އެކުގައެވެ. ސަބަބަކީ ކުރާ ނުރަނގަޅު ކަސްރަތެއްގެ ސަބަބުން ހަށިގަނޑަށް އެއްވެސް ގެއްލުމެއް ލިބެން ބޭނުން ނުވުމެވެ.

ފަރާ ހާންގެ ފިލްމް އޯމް ޝާންތީ އޯމް އިން ބޮލީވުޑަށް ތައާރަފްވި ދިޕިކާ އަކީ މި ޖީލުގެ އެންމެ ކާމިޔާބު އެއް ފަންނާނެވެ. އޭނާ ހައުސްފުލް އާއި ޔެ ޖަވާނީ ހޭ ދިވާނީ ފަދަ ފިލްމުތަކުން ފެނުނީ އާދައިގެ ރޯލުތަކަކުންނެވެ. އެހެންނަމަވެސް ސަންޖޭ ލީލާ ބަންސާނީގެ ބާޖީރާއޯ މަސްތާނީ، ރާމްލީލާ އަދި ޕަދްމާވަތްފަދަ ފިލްމްތަކުން އޭނާ ވަނީ އާއްމުން ސިއްސުވާލާފައެވެ. މީގެ އިތުރުން ޕީކޫ، ޗެއްނާއި އެކްސްޕްރެސް، ހެޕީ ނިއުއެއާ، ޗަޕާކް އަދި ފައިންޑިން ފެނީ އިން ވެސް އޭނާ ދައްކުވައިދިނީ ވަރަށް މޮޅު އެކްޓިންއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ދެން އައްޗީޑި.

    1
    2
  2. އަހައްމަދޫ

    ދެން ލަލަލާ ލަލަލާ ލަލަލާ ލާ ލަ