އެއްވެސް ދެމީހަކު ކައިވެނި ކުރާނީ ވަރި ވާން ބޭނުން ވެގެންނެއް ނޫނެނެވެ. ކޮންމެ ދެމީހަކު ވެސް ކައިވެނި ކުރާނީ އުމުރު ދުވަހު އެކުގައި އުޅުމަށް ނިއަތްގަނެ އެކަމަށް ވައުދު ވެގެންނެވެ. ނަމަވެސް ރާއްޖޭގައި މިވަނީ ކުރެވޭ ކައިވެންޏަށް ވުރެ ވަރި ގިނަވެފައެވެ. ރާއްޖޭގައި ވަރި ގިނަ ވާން މެދުވެރިވާ ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ. ނަމަވެސް ދިރާސާއެއް ކުރެވި ރަސްމީ ފަރާތަކުން ރަސްމީ މައުލޫމާތެއް ހާމަނުކުރާތީ އެސަބަބުތައް ހުރީ "ރަސްމީ ނުވެފައެވެ."

މިއީ ވަރި ގިނަވުމާއި ބެހޭ ގޮތުން ހެދިފައިވާ ދިރާސާއެއް ނޫނެވެ. ނަމަވެސް މަޝްހޫރު "ޓައިމްސް" މަޖައްލާގައި އުފާވެރި ކައިވެންޏެއް ވަރި އާއި ހަމައަށް ގެންދާނެ ކަމަށް ބުނާ ވަރަށް އާދައިގެ ހަތަރު ސަބަބެއް މިލިޔުމުގައި ގެނެސްދޭނަމެވެ.

އިޙްތިރާމް ނުކުރުން

އުފާވެރި ކައިވެނި، އުފާވެރިކަން މަތީގައި ކުރިއަށް ދިއުމަށް ހުރަސް އެޅޭނެ އެއް ސަބަބަކަށް ވާނީ ދެމަފިރިން އެކަކު އަނެކަކަށް އިޙްތިރާމް ނުކުރުމެވެ. ދެމީހުން ވެސް ބުނަން ބޭނުން އެއްޗެއް ބުނެ، ކުރަން ބޭނުން ކަމެއް ކުރާނަމަ އެއީ ގޯހެކެވެ. އަދި ކޮންމެ މީހަކު ވެސް އަނެކާއަށް ކުރާ އިހްތިރާމް އޭނާގެ އާއިލާ އާއި ރަހުމަތްތެރިންނަށް ވެސް ކުރަން ވާނެއެވެ. ނޫންނަމަ ދެމީހުންގެ ގުޅުން ދާނީ ދުވަހަށް ވުރެ ދުވަހެއް ހީނަރުވަމުންނެވެ.

ޒުވާބުކުރުން

ކޮންމެ ދެމީހެއްގެ ދެމެދުގައި ވެސް ދެބަސްވުން އުފެދޭނެއެވެ. ކަންކަމާއި ޚިޔާލުތަފާތު ވާނެއެވެ. ނަމަވެސް ކޮންމެ ކަމެއްގައި ޒުވާބުކޮށް އަޑުގަދަކުރުން އެއީ ހަޤީޤީ މައްސަލައަށް އޮތް ހައްލެއް ނޫނެވެ. ހައްލު ގެނެވޭނީ މަޑުމައިތިރިކަމާއި އެކު މަޝްވަރާ ކޮށްގެންނެވެ. އެކަން ކުރުމަށްޓަކައި ކޮންމެ މީހަކު ވެސް ކެތްތެރިކަން އިސްކުރުން ކޮންމެހެން މަޖުބޫރެވެ.

ކުށްވެރިކުރުން

ކަމެއް ދިމާވާއިރަށް އަބަދު ވެސް އަނެކާ ކުށްވެރި ކުރާނަމަ އެއީ ގޯހެކެވެ. ދެމީހުން އެކުގައި އުޅޭއިރު ދެމީހުން ވެސް ޒިންމާ ނަގަން ޖެހޭ ކަންކަން ހުންނާނެއެވެ. ނުވަތަ ހަމައެކަނި އަނބިމީހާ ނުވަތަ ހަމައެކަނި ފިރިމީހާ ޒިންމާ ނަގަން ޖެހޭ ކަންކަން ވެސް ހުންނާނެއެވެ. ނަމަވެސް ގޯހެއް ހެދޭއިރަށް ކޮންމެ ފަހަރަކު އެކަމުގެ ޒިންމާ އަނބިމީހާގެ ބޮލުގައި އަޅުވާނަމަ ތިދަތުރު ކުރެވެނީ އަދި ގޯސް މަގަކުންނެވެ.

މަޝްވަރާ ނުކުރެވުން

ކައިވެންޏާއި އެކު ދެމީހުން ދިރިއުޅުމުގެ ދަތުރު އެފެށީ އެކީގައެވެ. އެހެންކަމުން ކޮންމެ ކަމެއްގައި ދެމަފިރިން މަޝްވަރާ ކުރަން ޖެހެއެވެ. ރަނގަޅު ގޮތަކީ ކޮބައިތޯ ބަލަން އެކަކު އަނެކަކުގެ ޚިޔާލު ހޯދަން ޖެހޭނެއެވެ. ދެމީހުން ކަންކަމާއި މެދު މަޝްވަރާ ނުކުރާނަމަ ދެމީހުންގެ ދެމެދުގައި ނުފެންނަ ފާރެއް ރޭނިގެން ދާނެއެވެ. ނަތީޖާއަކަށް ވެގެން ދަނީ އެކުގައި ދިރިއުޅުނު ނަމަވެސް ދެމީހުންގެ ދެމެދުގައި ދުރުކަމެއް އުފެދިގެން ދިއުމެވެ.

އެހެންކަމުން ކައިވެނި ރޫޅުމާއި ހަމައަށް ދިއުމުގެ ކުރިން މިކަންކަމާއި މެދު ވިސްނާލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މަގޭ ފިރިބެ އޭނަގެ ބެސްޓްފްރެންޑް ކާރީގަ ބުނީ މަ ހުންނަނީ އަފްގާނު ބަލި ޖެހިފަޔޯ އަސްލުވީގޮތަކީ މަގޭ ފޭކް އެކައުންޓުން އޭނަޔާ މާފޮޅުވީ އޭނަ ޓެސްޓް ކޮށްލަން ފިރިބެ ހުރީ އަރާ ގަހުގަ އެހެންވެ އަފްގާނުބަލި ޖެހުނިއްޔޭ ކިޔަނީ

    6
    4