އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އޭނާ އަށް ހަދަރިން ލިބިފައިވާ ކަމަށް ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެއެވެ.

އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދުން ވަކިވުމުގެ މައްސަލައިގައި މަރުތަޅު އެޅުވި، އެއްވެސް ގޮތަކަށް މައްސަލަ ނުނިމިގެން އުޅެނިކޮށް އުނދަގޫ ހާލަތެއްގައި ބޮޑުވަޒީރު ކަމާއި ހަވާލުވި ޖޯންސަން އިނގިރޭސިވިލާތުގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. މީގެ ކުރިން އޭނާގެ ދަރިން ތިބި އަދަދާއި ގުޅޭ ގޮތުން ކުރާ ސުވާލުތަކަށް ޖަވާބު ނުދީ ހުރިހާ ފަހަރަކު ވެސް ވަނީ "ސަލާމަތްވެފައެވެ."

ނަމަވެސް އެމްއެންބީސީ އިން މިއަދު ގެނެސްދިން ޕްރޮގްރާމެއްގައި ޕްރެޒެންޓަރު ސުވާލު ކުރީ ޖޯންސަން އަކީ ހަކުދިންގެ ބައްޕައެއްތޯ އެވެ. ޖަވާބުގައި ޖޯންސަން ބުނީ އާނއެކޭއެވެ. މީގެ ކުރިން ދަރިންގެ އަދަދާއި ގުޅޭ ގޮތުން ކުރި ސުވާލުތަކަށް ޖަވާބުނުދީ ސަލާމަތްވި ނަމަވެސް މިއަދު އޭނާ އަށް ސަލާމަތެއް ނުވެވުނެވެ.

ޖޯންސަން އަށް އޭނާގެ ކުރީގެ އަނބިމީހާ މެރީނާ ވީލާ އަށް ހަތަރު ކުދިން ލިބިފައި ވެއެވެ. އަދި އޭގެ ފަހުން އޭނާ ލޯބީގެ ގުޅުމެއް ބޭއްވި އަންހެނެއްގެ ފަރާތުން ވެސް ކުއްޖަކު ލިބިފައި ވެއެވެ. އެންމެ ފަހުން ޖޯންސަން އަށް ކުއްޖަކު ލިބުނީ މިހާރުގެ އަނބިމީހާ ކެރީގެ ފަރާތުންނެވެ. ކެރީ ވެސް ޖޯންސަންގެ ދަރިއަކަށް ބަލިވެއިންއިރު ކައިވެންޏެއް ނުކުރެއެވެ. ކެރީ ޖޯންސަންއަށް ދެވަނަ ދަރިއަކަށް ވެސް ބަލިވެ އިނެވެ. ނަމަވެސް އެދަރިފުޅު ވަނީ ބައިގެން ގޮސްފައެވެ.

ޖޯންސަން އަށް އޭނާގެ ލޯބިވެރިއެއްގެ ފަރާތުން ލިބުނު ދަރިއަކު އެބަހުރިކަން ކަށަވަރު ކޮށްދިން ނަމަވެސް އެދަރިފުޅުގެ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އެދަރިފުޅާއި އޭނާ އާއި ދެމެދު އެއްވެސް ގުޅުމެއް އޮންނަކަން ނުވަތަ ނޫންކަން ވެސް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޏަވިޔަނި

    ކުކުޅު ހާގެ ދިރި އުޅޭހެން ދޯ ތިއުޅެނީ

    20
    2
  2. ކިޔު

    ކާވެންޏާނުލާ ދަރިން ހޯދުމަކީ ދީންތަކުގައި ހުއްދަކުރެވިފައިވާ ކަމެއްނޫން. ވެރިކަމުގައި ހުންނަވާ ބޭފުޅަކީ އެހެން މީހުންގެ ޚާއްސަކޮށް އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކަށް ވ ބޮޑަށް ކަމޭހިތަންޖެހޭ ފަރާތަކަށްވާއިރު، ކައިވެނީގެ ބޭރުން ދަރިން ހޯދައި، އެ ދަރިން ވީތަނެއް ނުބަލައި، އަޅައިނުލައި މަގުމައްޗަށް ދޫކޮށްލުމަކީ ދެރަކމެއް ނޫންތޯ! އެ ކުއްޖާގެ ހައްގުތައް ގެއްލުނީ ނޫންތޯ!؟

    11
    1
  3. ަައަބޯ

    އެކަހަލަ ސަޤާފަތެއް މިޤައުމުގައިވެސް ތަޢާރަފްކުރަން އެއްރޮއްޖަކަށް ފޫގަޅާގެން ބަޔަކު އެބައުޅޭ!

    11
    1